ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސިފައިންގެ އެލާޓް މިހާރު އެންމެ މައްޗަށް ބަދަލުކޮށްފައިވާ ކަމަށް އެމްއެންޑީއެފްގެ މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް މިހާރު ވަނީ އެމްބާއަށް ބަދަލުކޮށްފައި ކަމަށާއި އެއީ ސިފައިންގެ އެންމެ މަތީ އެލާޓް ކަމަށެވެ.

"މިއީ ޓެރަރިޒަމްގެ އަމަލަކާއި ގުޅިގެން ގެންވޭ އެންމެ މަތީ ދަރަޖައަށް ގެނެވިފައި. މިހާރު ސިފައިން ވަނީ މަރުކަޒުތަކަށް ގެނެވި ސަލާމަތީ ފިޔަވަޅުތަކަށް ގެނެވިފައި." ޝަމާލް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމާއެކު، އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކުރިއެވެ. މިހާރު އެލާޓް ލެވެލް ހުރީ ޓެރަރިޒަމްގެ ހަަމަލާއެއް ދިނުމުން އެ ލެވެލް މަތި ކުރަން ޖެހޭ އެންމެ މަތީ ލެވެލްއަށް ބަދަލުކޮށްފައެވެ.

ޝަމާލް ވިދާޅުވީ، ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގުކޮށް އޭގެ މައްޗަށް އިންސިޑެންޓް އެސަސްމަންޓް ރިޕޯޓެއް ތައްޔާރު ކުރި ކަމަށެވެ. އެ ރިޕޯޓް ފުލުހުންނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ. އެއާ ހަވާލާދީ އޭނާ ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ހަމަލާ ދިނީ ބާރުގަދަ އައިއީޑީއަކުން ކަމަށާއި އެއީ އަމިއްލައަށް ބަޔަކު އުފެއްދި އައިއީޑީއެއް ކަމަށެވެ. އޭގައި ރޭޒާ ފުށް ބޭނުން ކޮށްފައިވާ ވަރު ވެސް ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނިކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާ އެކު ޖުމްލަ ފަސް މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ދެ ހަށިފާރަވެރިންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ކަމަށޤ އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެނެވެ. މި ގޮތުން މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރާކު ބައިވެރިވާއިރު، މާދަމާގެ ވަގުތެއްގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ. އަދި އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  ސައިކަލެއްގެ ބެޓެރީ ގޮވައިގެން 3 ވަނަ ބޮޑު ހަނގުރާމައަށް މިހާރު ތައްޔާރުވެ ނިމުނީތޯ!

  9
  1
 2. ބޮއްބެ

  އެންބަރ (އޮރެންޖް) އަކީ ސިފައިންގެ އެލަރޓް ސްޓޭޓަސް އެންމެ މައްޗެއް ނޫން. އެންބަރ އަކީ ނިރުބަވެރި ހަމަލާގެ ވަގުތެއްގައި ސިފައިންގެ އެލަރޓް ސްޓޭޓަސް ހުންނާނެ އެންމެ މަތީ ލެވެލް. ސިފައިންގެ އެލަރޓް ސްޓޭޓަސް އެންމެ މަތީ ލެވެލްއަށް ދިޔައިމަ ބަދަލުވާނީ ރެޑް (ރަތް) އަށް. އެފަދަ ހާލަތެއް އަންނާނީ ޤައުމަށް ޢުދުވާނީ ހަމަލާއެއް ނުވަތަ ހަނގުރާމައިގެ ހާލަތެއް ކުރިމަތިވުމުން. ނޫސްވެރިޔާއަށް، ޝަމާލު ވިދާޅުވި ވާހަކަ އޮޅިވަޑައިގެންފަހެން ހީވަނީ.

  5
  1
 3. ާހުވަދޫ

  އާ މައުލޫމާތެއް ގެނެސްބަލަ.. ހަމަ ނަށީދު ހޮސްޕިތަލުގައޭ. ސީރިއަސް އޭ. .
  ތި އެކައްޗެއް ލިޔުމުގެ ބަދަލުގައި މިހާރު މައްސަލަ ގޮއްސަ އޮތް ހިސާބު ގެނެސްބަލަ. ޢަހަރަމެން ނޫޅެމޭ ތި ހިތުދަސްކުރާކަށް، ހޮސްޕިޓަލުގައޭ އެއް. . !
  ހޯދަމުންދާ މީހާ ފެނޭތޯ އާއި އިތުރު އެހެން އާ ކަންތައްތައް. .
  މިހާރު ނަށީދު ހޮސްޕިޓަލްގައޭ، 5މީހުން ޒަހަމޭ،4 މީހުން ދޫކޮށްލައިފިއޭ، މީއްޗިހި ހިތު ދަސްވެއްޖެ ކިޔާ ކިޔާ. .
  ތިހެން ވީމައޭ ކޮންމެ ނޫހެއްވެސް ދިވެހިން އެހާ އަވަހަށް ދޫކޮށްލަން ޖެހެނީ. ނޫސް ނޫހަކަށް ނުވަނީސް، ކިޔުންތެރިންނަށް އެ ނޫހުގެ ސަބަބުން ބޮޑު ބަލާއަކަށް ވަނީ، ހިތްހަމަޖެހުމަށް ވުރެ ބޮޑަށް

  9
  1
 4. އިބްރާ

  ބަލަގަ އެލާޓު މައްޗައް ނަގައިގެންގޮސް އުޑުގަ ޖެހުނަސް ގާބިލިއްޔަތުކަމެއް ނެތިއްޔާ ކޮބާތޯ ބޭނުމެއް. ކޮބާ އަފުރާޝީމުގެ މަރުގެ މައްސަލަ، ކޮބާ ރައީސް ޔާމީންގެ ލޯންޗުގޮއްވާލި މައްސަލަ، ކޮބާ އަނަސް މަރާލި މައްސަލަ.. ކޮބާ ޔާމީން ރަޝީދު މަރާލި މައްސަލަ.. ތިއީ ފޭލްވެފަ ތިބި ބަޔެކޭ. ރައްޔިތުންގެ ފައިސާއިން ގެރިމަސްކައިގެން ގައިގަ މަސްޖަހުވައިގެން ބަޑި ގަނެގެން ފިނިހަކައަށާއި ރުއްރުކައް ބަޑިޖަހަން ތިއްބަކަސް ކުރިއެރުމެއް ނެތޭ ގެނެވިފަކާއެއް..

  6
  1