ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު އަންހެނަކު ނިޔާވެ، ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު 83 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ އަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެނެވުނު އަންހެނެއް ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. އޭނާ ނިޔާވިކަމަށް ކަނޑައަޅާފައި ވަނީ މިރޭ 23:15 ގައެވެ.

ރާއްޖެ އިން ފާއިތުވި 48 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހިގެން ނުވަ މީހުން ވަނީ ނިޔާވެފައެވެ. މީގެތެރެއިން ތިން މީހުން ނިޔާވީ މިއަދު އެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ފާއިތުވި ދެެދުވަހު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ކޮވިޑްގެ އާވައްތަރެއް ރާއްޖޭގައި ފެތުރެމުންދާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވެފައި ވަނީ އެހެންވެކަމެއް އަދި ސާފެއް ނުވެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި 8261 މީހުން އެބަތިއްބެވެ. އޭގެތެރެއިން 205 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގެ ބަލި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެގެން ދިއުމުގެ ބިރުު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަމީލުޔ

    މަރަކަށް ފަހު މަރެއް. އެކަމަކު އަދިވެސް ވިޔަފާރިވެރިންނާހެދި ލޮކްޑައުން ކުރަން ބިރުން މިއުޅެނީ. ހެޔޮނުވާނެ ދޯ. މިހާރު އާ މާނުރައްކާތެރި ސްޓްރެއިނެއްވެސް އެބައުޅޭކަމަށް މިރޭ ޑޮކްޓަރުން އެބަ ބުނީ

  2. އުސްމާނުބެ

    މިކަމުގެ ޒިންމާ މަޖްލިސްއިން ނަގަން ޖެހޭނެ... މަޖްލިސް އެއްކޮއް އިސްތިއުފާދީފަ ގޭގަ ތިބޭ. އަހަރުމެން ވޯތް ދެނީ ކަލޭމެން އަހަރުމެންނައް ހިދުމައި ކޮއްދޭން އަދި އޭގެ ބަދަލުގައި ކަލޭމެނައް ދިވެހި ދައުލަތުގެ ހަޒާނާއިން މުސާރަދެނީ... އެކަމަކު ކަލޭމެން ބޭނުން ހާކުޅިއެއް ކުޅެފަ ރައްޔިތުން މިޖެހެނީ ކުޑަކަކޫ ޖަހައިގެން ތިބެން.... ރޭގަތިވީ ކަމެއް ވެގެންވެސް ހީވަނީ އެންމެން މޮޔަވެގެން މަޖިލް ހުޅުވައިގެން ނަޝީދުގެ ގެ ހަބަރެއް ވޭތޯ.... ނިކަން ކެރެންޔާ އަފްރާށިމް ގެ މަރާ ރިލްވާންގެ މަރާ އަދިވެސް މިގޮތައް ނުނިމި ހުރި މަރުގެ ކަންތައް ކޮޅެއްގަ ޖައްސަދީބަލަ އަދި އެމީހުންނައް ވެސް އިންސާފު ހޯދައިދީީ، ނަޝީދަކަސް ހަމަ އޭނާގެ ފުރާނަ މުހިންމުވާހެން އެެހެންމީހުންގެ ފުރާނަވެސް މުހިންމުވާންޖެހޭނެ... މިކޮމެޓް ޖަހާލަދީބަލަ ވަރައް ބޮޑައްޝުކުރުވެރިވާނަން.

    10
  3. ތައިމުރު

    މިވާހަކަދައްކާނެ ބަޔަކުނެތް މިހާރު! ވ ނުރައްކާ ބޮޑުވެެގެން ދާތަން މިފެންނަނީ.

  4. ދިވެހިސޮރު

    މި ދިވެހިރާއްޖޭގަ ކޮވިޑް ކޮންޓްރޯލް ކުރާށޭ ކިޔާފަ މިތިބި މީހުނަށް ވިސްނެނީ ކޯއްޗެއްތޯ؟ މިތާ މިއުޅެނީ އިންޑިޔާގަ ތިއުޅޭ ވޭރިއަންޓް(ބޭރި). މި އިންޑިޔާއިން މީހުން އައުން ހުއްޓުވާ ނޫނީ އެމީހުން ކަރަންޓީނުކުރޭ. ބަލާލަބަލަ
    މާފުށި
    އުކުލަސް
    މަތިވެރި
    ދިއްފުށި
    މީހުސް ގެސްޓް ހައުސް ހިންގާ ރަށްރަށް ބޮލަށް ދުންއަރާފަތޯ މައިމޫނާމެން ތި ތިއްބެވީ.. ކަންކަން ކުރަން ފަސްޖެހެންޏާ އިސްތިއުފަދެއްވާ.. ރައްޔިތުން އޮޅު އެޅިއަކަސް ނަތިޖާއެއް ނުފެންނާނެ.

  5. ދިވެހިސޮރު

    ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ފާއިތުވި ދެެދުވަހު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ކޮވިޑްގެ އާވައްތަރެއް ރާއްޖޭގައި ފެތުރެމުންދާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވެފައި ވަނީ އެހެންވެކަމެއް އަދި ސާފެއް ނުވެއެވެ. ތިނުވާނެ ދުވަހަކުވެސް ސާފެއް