ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

މިހާރު ފުލުހުން އާއްމުކޮށްފައިވާ އެ ހާދިސާ ވީޑިއޯ އިން އެ ހާދިސާ ހިނގިވަގުތު އެތަނުގައި ބައެއް އާއްމުންވެސް ތިބި މަންޒަރު ފެނިގެންދާ އިރު އެ ފަރާތްތަކުގެ އެހީތެރިކަން ފުލުހުންނަށް ބޭނުންވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ މުހައްމަދު ރިޔާޒް ވަނީ ހަމަލާގެ ވީޑިއޯ ހާމަކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް އެ ހަމަލާ ދިން ވަގުތު އެތާގައި ތިބި މީހުންނަށް އެނގޭ މައުލޫމާތު ހޯދުން ކަމަށް ފާހަގަކުރައްވައެވެ.

މީގެ އިތުރުން ހަމަލާ ދިން ވަގުތު އަތަމާ ޕެލެސް ކައިރީ ހުރި މީހަކާއި ހަމަލާ އާއި ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭތީ އޭނާ އާއި ގުޅޭ މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތު ވެސް ފޯރުކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

"އޭނާ ދަންނަ މީހެއް ވިޔަސް ފެނުނު މީހެއް ވިޔަސް އެ މައުލޫމާތު ދިނުން އެދެން. މިއީ މި ވަގުތު އަޅުގަނޑުމެން މައްސަލަ އަކާއި ގުޅިގެން ހޯދަމުންދާ އެންމެ މުހިންމު އެއް ސަސްޕެކްޓް. އޭނާ ހަރަކާތްތެރިވާ އެހެން ތަންތަނުގެ ވީޑިއޯ ވެސް އެބަހުރި." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވަނީ މި މައްސަލަ އާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސެވުމުގެ ގޮތުން އޮންލައިން ޕޯޓަލް އެއް ގާއިމްކުރައްވާފައެވެ. އެ ޕޯޓަލް މެދުވެރިކޮށް ފޮޓޯ އާއި ވީޑިއޯ ހިއްސާކުރެވޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިހާރުވެސް މި މައްސަލަ އާއި ގުޅިގެން ތަހުގީގަކަށް ވަރަށް ގިނަ މައުލޫމާތު ހޯދޭ ކަމަށާއި އެ މައުލޫމާތު ހޯދަނީ ރައްޔިތުން ދޭ މައުލޫމާތުންނާއި ފުލުހުންގެ ތަހުގީގުން ކަމަށެވެ. އަދި އެއީ ފޮރެންސިކް ހެކި ވިޔަސް އަދި ތަހުގީގު ވިޔަސް ނޫސްވެރިންނާއި އާއްމުންނާއި ހަމައަށް އެއްވެސް މައުލޫމާތެއް ހާމަކުރަނީ އެ މައުލޫމާތުން ތަހުގީގަށް ހުރަސް ނޭޅޭ ތަހުގީގަށް އިތުރު ކުރިއެރުން ލިބޭ ކަންކަން ޔަގީންކުރުމަށް ފަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ދެންކުރާނެކަމަކީ އާންމުންގެ އެހީހޯދާށޭ ކިޔާފަ އެތަނުގަ ޕީޕީއެމް ކުއްޖެއްހުރިނަމަ އޭނާއަކީވެސް ޝައްކުކުރެވޭމީހެކޭކިޔައި ބަންދުކުރުން. އިންސާފެއްނޯންނާނެއެވެ. އެހެންމިބުނީ ކޮބާ ޔާމީނު ގޮއްވާލަންބުނިމީހާ ގައިމު އޭނައެއޮތީ ފާޅުގައެގެން އެކަމު އޭނާއަށް ބިރެއްނެތް