ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިވަގުތު ނުރައްކަލުން ސަލާމަތްވި ނަމަވެސް، އިންފެކްޝަންގެ ސަބަބުން އެމަނިކުފާނުގެ ހާލަތު ނުރައްކާވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭޑީކޭއިން ވިދާޅުވެއްޖެއެވެ.

އޭޑީކޭއިން މިގޮތަށް ހާމަކޮށްފައިވަނީ ރައީސް ނަޝީދުގެ މިހާރުގެ ހާލުކޮޅާއި ބެހޭ ގޮތުން އޭޑޭކޭގެ ޑޮކްޓަރުންގެ ޓީމުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަލީ ނިޔާފް ވިދާޅުވީ، ނަޝީދަށް އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެނެވިފައިވަނީ އެރޭ 20:30 އެހާކަންހާއިރު ކަމަށާއި އެވަގުތުން ފެށިގެން ޑޮކްޓަރުން ނަޝީދަށް އެޓެންޑް ވެފައިވާ ކަމަށެވެ. ނިޔާފް ވިދާޅުވީ، ނަޝީދުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ހޭނައްތައިގެން ކަމަށެވެ.

ހަމަލާއާއި ގުޅިގެން ނަޝީދަށް ލިބުނު އަނިޔާތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ބަލިތަކަށް ޙާއްސަ ޑޮކްޓަރު ނިޝާން ވިދާޅުވީ، ނަޝީދު ހޮސްޕިޓަލަށް ގެނެވުނުއިރު ވަރަށް ބޮޑަށް ހަށިގަނޑުގެ ބައެއް ތަންތަނުން ލޭ ފައިބަމުން ދިޔަ ކަމަށާއި އެންމެ ފުރަތަމަ ބެލީ ލޭ ފައިބާ ތަންތަން ސެކިއާ ކުރުމަށް ކަމަށެވެ.

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭ ޑޮކްޓަރުންގެ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހުމަދު ޖައިޝާން

"ގޮހޮރަށް ވެސް ހުރީ އަނިޔާވެފައި. ބަނޑަށް ހުރީ ލޭ އެޅިފައި، ފަލަގޮހޮރުގައި ހުރި ލޯވަޅު އަޅާފައި. ބަނޑު ވެސް ހުރީ ފޫއަޅާފައި. ލިވާ ތެރެއަށް ވެސް ވަނީ އެއްޗެއް ވަދެފައި. ލިވާގައި އިން ރޭޒާފުއް ވެސް ވާނީ ނަގާފައި." ނިޝާން ވިދާޅުވިއެވެ.

ޑޮކްޓަރުން ވިދާޅުވީ، ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށް މުޅިއަކު 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ވެންޓިލޭޓަރުން ނެގުނު ނަމަވެސް، އަދިވެސް ރިސްކު އޮތް ކަންކަން އެބަ ހުރި ކަމަށް އައިސީޔޫގައި މަސައްކަތް ކުރައްވާ ޑޮކްޓަރު ނަޝީދާ ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލް ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުން:- ވަގުތު އިމޭޖަސް- އަހްމަދު ޖައިޝަމް

"މިވަގުތު އެންމެ މޭޖަރ ނުރައްކަލުން ސަލާމާތްވެފަ އޮތަސް އަދި ކުރިއަށް އޮތް މަގު ވަރަށް ދިގު. އިންފެކްޝަން އަކީ އަޅުގަނޑުމެން ވަރަށް ގާތުން ބަލަން ޖެހޭ ކަމެއް. މިވަރުގެ އޮޕަރޭޝަންތަކެއް ކޮށްފަ. އަދި މިވަރުގެ އަނިޔާތަކެއް ވެފައިހުރީމަ، ވަރަށް ގާތްވާނެ އެކި ކަހަލަ އިންފެކްޝަންތައް އައުން. އަދި އެއާއި ގުޅިގެން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަންނަ ގެއްލުން" ޑރ. ނަޝީދާ ވިދާޅުވިއެވެ.

ގިނަ ސާޖަރީތަކެއް ހަދައި ނިންމާފައި އިންފެކްޝަންގެ ނުރައްކާ އޮންނާނެތީ ޑޮކްޓަރުންގެ ޓީމުން ގެންދަވަނީ ނަޝީދު ހާލުކޮޅު ކްރިޓިކަލް ކޭސްއެއްގެ ގޮތުގައި ނަންގަވައިގެން ވަރަށް ގާތުން ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ހޫން ތިޔައިންފެކްޝަން ދެންރަގަޅުވާނީ މީނާއަށް ބޮޑުވަޒީރުކަންދީގެނެވެ. އޭރަށް ލަންޑަނަށްގޮސް ގޮނޑިދުއްވޭނީ