މިހާރު ކޮވިޑް-19 ފެތުރެމުންދާ ހއ. ދިއްދޫގައި ކާފިއު އިއުލާނުކޮށްފި އެވެ.

ދިއްދޫގައި ކާފިއު އިއުލާނުކޮށްފައި ވަނީ އެރަށު ކައުންސިލުންނެވެ.

އެގޮތުން އެރަށުގައި ކާފިއު އިއުލާނުކޮށްފައި ވަނީ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް އަދި ރޭގަނޑު 21:30 އިން ހެނދުނު 6:00 އަށެވެ.

ދިއްދޫ ކައުންސިލުން ވަނީ ކާފިއު ވަގުތު އެއްވެސް ބޭފުޅަކު ގެއިން ބޭރަށް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭރަށް ވަޑައިގަންނަވާ ކަމަށްވާނަމަ، އެރަށުގެ ފުލުހުންގެ ހޮޓްލައިން ނަންވަރަށް ގުޅުއްވައި ހުއްދަ ހޯދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ދިއްދޫގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ އިތުރު ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ. އެގޮތުން މަގުމަތީގައާއި އެހެނިހެން ތަންތަނުގައި ވެސް އެއްވަގުތެއްގައި 3 މީހުންނަށްވުރެ ގިނައިން ނޫޅުމަށާއި މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ދިއުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ރޯގާގެ އެއްވެސް އަލާމާތެއް ހުރި އެއްވެސް ބޭފުޅަކު މިސްކިތަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި ފިހާރަތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅައި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މިސްކިތްތަކަށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ދިގު މުއްދަތަށް ބޭސްކުރާ މީހުން ނުދިއުމަށާއި މިސްކިތަށް ދާ ބޭފުޅުން މާސްކު އަޅުއްވައިގެން ގެއިން ވުޟޫކޮށްގެން ދިއުމަށާއި ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ސިޔާސީ މީހުން މުޒާހަރާ ކުރުން ހުއްޓުވަން އަޅާ ފިޔަވަޅު، ތިޔައީ ކޮވިޑް ކޮންޓުރޯލް ކުރަން އަޅާފިޔަވަޅެއްނޫން، ތިޔަ ދިއްދޫގައި އެމްޑީޕީ ކުދިން ގުރޫޕްހަދާފަ އިއްޔެގައި ވެސް މަގުމަތީ އުޅުނީ ކޮވިޑް އޮއްވާ ނުންތޯ ؟