ހދ. ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ކުޅުދުއްފުއްޓަށް އަރާ ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށު ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް މިމަހުގެ 2 ވަނަ ދުވަހުއެވެ.

އޭގެ ފަހުން އެރަށުން ފައްސިވި މީހުންނާއި ގާތުން ބައްދަލުވި މީހުންގެ ސުންކު ވަނީ ނަގާފައެވެވެ. އެގޮތުން އެރަށުން 44 މީހެއްގެ ސުންކު ނަގައި ބެލި ބެލުމުން އެ އެންމެންގެ ސުންކު ވަނީ ކޮވިޑަށް ނައްސިވެފައެވެ.

ކުޅުދުއްފުށިން މީގެ ކުރިން ވެސް ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެ ވޭދަނަތަކާ ގުޅިގެން ވެސް އެރަށް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އަތޮޅުތެރެއިން އަންނަނީ ފައްސިވަމުންނެވެ. ނަމަވެސް ގިނަ ރަށްރަށުން ކޮވިޑް-19 ޓެސްޓް ކުރެވޭނެ އިންތިޒާމު ނެތްކަން ފާހަގަ ކޮށްލެވެއެވެ.

މިހާތަނަށް މިބަލި ފެތުރޭތީ ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެެސްްފައެވެ. މިއީ އަތޮޅުތެރޭގައި މިހާ ގަދައަށް މި ބަލި ފެތުރޭ ފުރަތަމަ ފަހަރެވެ. މިވަގުތު 29 ރަށެއްގައި ކޮވިޑް-19 ފެތުރެމުން އަންނާތީ އެރަށްރަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.