ށ. ފުނަދޫއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 9 އަކަށް އަރައިފިއެވެ.

ފުނަދޫއިން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައިވަނީ އެރަށު ސްކޫލްގައި ކިޔަވަމުން އައި ދަރިވަރެކެވެ. އޭގެ ފަހުން ހޯމް ކަރަންޓީނުގެ އުސޫލާއި ހިލާފުވި ބޭރު ދެ ބިދޭސީއަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި އެރަށުގައި މަރާމާތު ކުރަމުން ދިޔަ ބޯޓެއް ބަލާ އެއަތޮޅު ކޮމަންޑޫއިން އައި 6 މީހަކު ވެސް ކޮވިޑަށް ވަނީ ފައްސިވެފައެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ، އެރަށް ރިސްކެއްގެ ގޮތުގައި އޮތީ ހޯމް ކަރަންޓީނުގެ އުސޫލާއި ހިލާފުވި ދެ ބިދޭސީންގެ ފަރާތުން ކަމަށެވެ. އެހެން ކަމުން ވަކި ތަރުތީބެއް ނެތި ސުންކު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުން ފައްސިވި ދެ ބިދޭސީންނަކީ އެރަށު ބޯޅަދަނޑު ހެދުމަށް އައިސްފައިވާ ގްރޫޕެއްގެ ބަޔަކު ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯޓު ބަލައި އައި މީހުން ފައްސިވުމާއި ގުޅިގެން އެމީހުންނާއި އެކު މަސައްކަތް ކުރި އެންމެން މިވަގުތު ކަރަންޓީނު ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މި ވޭދަނަތަކާއި ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

އަހުމަދު އިބްރާހިމް ވިދާޅުވީ، ރަށުން ފައްސި ވޭދަނަތަކެއް ފެނުނު ނަމަވެސް، އެރަށަކީ އެއީ ކޮވިޑް ފެތުރެން ފެށުމާއި އެކީ ފިޔަވަޅުތަކެއް އެޅި ރަށެއް ކަމުން މިވަގުތު ރަށުގެ އާއްމު ހާލަތު ރަނގަޅު ކަމަށެވެ.