ރާއްޖެއިން ކޮވިޑް-19 ޖެހިގެން އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ރިކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު ވަނީ 230 އަށް އަރާފައެވެ.

މިއަދާއި ހަމައަށް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 230 އަށް އަރާފައިވާއިރު، އިއްޔެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ގޮސްފައިވަނީ 205 މީހެކެވެ. އެހެން ކަމުން ފާއިތުވި 24 ގަޑިއިރު، އިތުރު 25 މީހަކަށް އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު، ފާއިތުވި 48 ގަޑިއިރުތެރޭ 9 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން 6 މީހަކު މަރުވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހަކު އެއް ދުވަހެއްގައި މި ބަލި ޖެހިގެން މަރުވި ދުވަހެވެ.

އެނދުމަތި ކޮށްގެން ފަރުވާ ދޭ މީހުންގެ ތެރޭގައި ތިބީ ހަމަ އެކަނި ބަލީގެ ނުރައްކާ ބޮޑު މީހުން ނޫން ކަމަށާއި އޭގެ ތެރޭގައި ޒުވާން އުމުރުގެ މީހުން ވެސް އެބަ ތިބި ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ވަނީ ހާމަ ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 34،724 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 590 މީހަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. މިހާތަނަށް މި ބަލި ޖެހިގެން 25،992 މީހަކު ރަނގަޅުވެފައިވާއިރު 8،640 މީހަކަށް މިވަގުތު އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މި ބަލި ޖެހިގެން 83 މީހަކު ވަނީ މަރުވެފައެވެ.