މިހާރު ފެެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވެ މާލެ ސަރަހައްދުގެ 70 އިންސައްތަ އެނދުތައް ފުރިއްޖެކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ހާމަ ކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު އަދި އެތެރެހަށީގެ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މާލެ ސަރަހައްދުގައި ބާކީ ހުރީ 30 އިންސައްތަ އެނދު ކަމަށެވެ. ޝަހީދު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތިން ހަފްތާ އިން ފެށިގެން ދުވަހެއް ދުވަހަކަށް އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މީގެ ތިން ހަފްތާ ކުރިން ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކާއި ކޮވިޑް-19 ފެސިލިޓީތަކުގައި އެޑްމިޓްކޮށްފައި ތިބީ 44 މީހުންނެވެ. އެކަމަކު، އިއްޔެއާ ހަމައަށް 181 މީހުން އެޑްމިޓްކޮށްފައި އެބަތިބި ކަމަށް ޝަހީދު ވިދާޅުވިއެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު އެޑްމިޓްކޮށްފައި ތިބީ 230 މީހުންނެވެ.

ޝަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކޮވިޑަށް ފައްސިވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއީ މީގެކުރީ ހަފްތާތަކުގައި ކޮވިޑަށް ފައްސިވާ މީހުންނާ އަޅާބަލާ އިރު، ވަރަށް ބޮޑު އިތުރުވުމެކެވެ.

މީގެކުރިން ނަމަ، ހަފްތާއެއްގެ ތެރޭގައި ކޮވިޑަށް ފައްސިވެފައި ވަނީ އެންމެ ގިނަ ވެގެން ވެސް ހާހަކަށް ވުރެ ގިނަ މީހުންނެވެ. ޝަހީދު ވިދާޅުވީ ކުރީ ހަފްތާތަކާ ބަލާ އިރު، މިހާރު ކޮވިޑްގެ ނަންބަރުތައް ހުރީ 75 އިންސައްތަ މަތީގައި ކަމަށެވެ.

ޝަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސް މާލެ ސަރަައްދު ފުރަބަންދަކަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.ޝަހީދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ އިތުރު ފިޔަވަޅު އަޅަން ޖެހޭފަދަ ހާލަތެއްގައި ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ވަނީ ކާފިއު ހިންގަމުންނެވެ.

މީގެ އިތުުރުން މާލެ ސަރަހައްދުގެ އޮފީސްތަކާއި ސުކޫލުތަކާއި ކޮލެޖް، ޔުނިވާސިޓީ އަދި ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ބަންދު ކުރަން ވަނީ އަންގާފައެވެ. ޖިމްތަމާއި ކުޅިވަރު ކުޅޭ ތަންތަން އަދި ކަސްރަތު ކުރާ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ޕާކުތަކާއި މައިދާންތައްވެސް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ކޮބާތަ ވެންޓިލޭޓަރު ތަށް؟ ފައިސާ ކޮޅުވެސް ކާލީ ވެންޓިލޭޓަރު ކޮޅުވެސް ނުލިބުނު. މިހާރު މިޔޮށް ވެނޓިލޭޓަރާ ޖެހެނީ.

  2. އަހުމަދު

    އަހަރުދުވަސް ތެރޭ ބިލިއަނުން ކުރި ހަރަދު ކޮބާ؟؟ އެނދު އިތުރު ނުވޭ!! ވެކްސިން ހުސްވެއްޖެ!!

  3. މޮއްކު

    މަބުރޫކު އަރާ ހުރިހާ ކަމެއް މަތިއަޅަން އުޅުނަސް ކަލޭމެން މިތަނައްގެނައި އިންޑިއާ މީހުން މުޅި ތަނުގަ ކޮވިޑު ފެތުރީ އެނގިއްޖޭ