ބ. އޭދަފުށިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުން ފައްސިވެފައިވާ 13 މީހުންގެ ތެރޭގައި ހިމެނެނީ ފައްސިވެފައިވާ މީހުންނާއި ބައްދަލުވެގެން ނަގާފައިވާ 12 ސުންކާއި ފްލޫ ކްލިނިކަށް ދެއްކި އެކަކެވެ.

އެރަށުން ފައްސިވި 13 މީހުންނާއި އެކީ މިވަގުތު އެރަށުގައި ކޮވިޑް-19ގެ 90 ވޭދަނަ އެބަ ތިއްބެވެ.

ހޮސްޕިޓަލުން ބުނީ، މިއަދު 62 ސުންކު ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ސުންކަކީ ވަކި ތަރުތީބެއް ނެތި ނަގާފައިވާ ސުންކާއި ފްލޫ ކްލިނިކުން ނެގި ތިން ސުންކު ކަމަށެވެ. ބާކީ ހުރީ ފައްސިވެފައިވާ މީހުންނާއި ބައްދަލުވެގެން ނަގާފައިވާ ސުންކުތަކެވެ.

މިހަތާނަށް އެރަށުން 1،329 ސުންކު ނަގާފައިވާއިރު، އޭގެ ތެރެއިން 1،085 މީހަކު ވަނީ ފައްސިވެފައެވެ. އަދި 57 ސުންކެއްގެ ނަތީޖާ އަދި ލިބިފައެއް ނުވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 97 މީހަކު ވަނީ އެރަށުން ރަނގަޅުވެފައެވެ. އޭގެ ތެރެއިން 49 މީހަކީ މިއަދު ރަނގަޅުވެފައިވާ މީހުންނެވެ.

އޭދަފުށިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެނިފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން ވޭދަނަތައް އިތުރުވަމުން އަންނާތ އެރަށަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.

ފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އަންނަނީ ކޮވިޑް ފެތުރެމުންނެވެ. ބައެއް ރަށްތަކުގައި ކޮވިޑް ފެތުރިފައި ވަނީ ކަރަންޓީންގައި ތިބި މީހުން ކަރަންޓީންގެ އުސޫލާއި ހިލާފު ވުމުންނެވެ.

އަތޮޅުތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން ދިޔަ ނަމަވެސް އަދިވެސް ގިނަ އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ނެތެވެ. އެހެންކަމުން ގިނަ ރަށްތަކުން ކޮވިޑަށް ޓެސްޓް ކުރަން ސުންކުތައް އަދިވެސް ފޮނުވަނީ މާލެ އަށެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު 590 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި 439 މީހަކާއި އަތޮޅު ތެރެއިން ފައްސިވެފައިވާ 141 މީހަކާއި ރިސޯޓުތަކުން ފައްސިވި 9 މީހެކެވެ. އެއާއި އެކީ ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 34،724 އަށް އަރާފައެވެ.