އުމުރުން 43 އަހަރުގައި ވެސް ޓީމުތަކަށް ކުޅެން އޮފާ ލިބެމުންދާ ކަމަށާއި މި ސީޒަން ނިމުމުން ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ކަމަށް ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފިއެވެ.

މިއީ އޭނާ ޔުވެންޓަސް ދޫކޮށްލަން ނިންމި ދެވަނަ ފަހަރެވެ. އިޓަލީ ގައުމީ ޓީމަަށް ވޯލްޑްކަޕްގެ ތަށި ހޯދާދީފައިވާ ފަހުރުވެރި ކީޕަރު 17 އަހަރު ޔުވެންޓަސްގައި ކުޅުމަށްފަހު އެ ކުލަބު ދޫކޮށް ފްރާންސްގެ ޕީއެސްޖީއާއި ގުޅުނީ 2018 ގައެވެ. އޭގެ އެއް އަހަރުފަހުން ބުފޮން ވަނީ އެނބުރި ޔުވެންޓަސް އާއި ގުޅިފައެވެ.

މިފަހަރުގެ ސީޒަން އަކީ ޔުވެންޓަސްއަށް ކާމިޔާބު ސީޒަނެއް ނޫން ނަމަވެސް ބުފޮން އަކީ އެ ކުލަބުގެ ތާރީހުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގެ އެއް މޭސްތިރިއެވެ.

އެންމެ ފުރަތަމަ ބުފޮންގެ ވާހަކަތައް ހުރީ މި ސީޒަން ނިމުމުން ކުޅުމުން ރިޓަޔާކުރުމަށެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުން ވާހަކަތައް ބަދަލުވީ ރިޓަޔާމަންޓް އިއުލާނުކުރުމާއި އެކު ކުލަބުތަކުން އޭނާއަށް ހުށައެޅުންތައް ލިބެން ފެށުމުންނެވެ. ނުސީދާ ގޮތެއްގައި ބުފޮން ވަނީ އެ ހުށައެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ގަބޫލުކުރަން ޝައުގުވެރިވާކަމަށް ބުނެފައެވެ.

ބުފޮން އިތުރަށް ބުނެފައިވަނީ ދާންވީ ވަގުތު ޖެހިއްޖެކަމާއި ހޯދުނު ކާމިޔާބީއާއި މެދު ފަހުރުވެރިވާ ކަމަށެވެ. ޔުވެންޓަސްގައި ކުޅެން ލިބުން އެއީ ވަރަށް ރަނގަޅު ދެވަނަ ތަޖުރިބާއެއް ކަމަށެވެ. އަދި އާންމު މީހެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރަން މިިހާރު ބޭނުންވާ ކަަމަށްވެސް ބުފޮން ބުނެފައިވެއެވެ.

ބުފޮން ބުނީ އޭނާގެ ކުރިމަގާމެދު ފައިނަލް ގޮތެއް ވިސްނާލާ ގޮތެއް ނިންމަން 20 ނުވަތަ 25 ވަރަކަށް ދުވަސް ބޭނުންވާކަމަށެެވެ.

ޔުވެންޓަސްގައި ބުފޮން ކުޅެމުން އަންނަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ގޯލް ކީޕަރުގެ ގޮތުގައެވެ. އޭނާ ވަނީ އެ ކުލަބަށް މިހާތަނަށް 684 ކުޅެފައެވެ. އަދި ލީީގު 10 ފަހަރު އެ ޓީމަށް ހޯދައިދިނެވެ. މީގެއިތުރުން ހަތަރު ފަހަރަށް އިޓާލިއަން ކަޕާއި ތިން ފަހަރެއްގައި ޔުއެފާ ޗެމްޕިއަންސް ލީގު ޔުވެންޓަސްއަށް އޭނާ ހޯދައިދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު