ކޮވިޑް-19 ޖެހިގެން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ރޭ ފަތިހު 04:45 ހާއިރު އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔަ އުމުރުން 51 އަހަރުގެ ދިވެހި އަންހެނަކު ފަތިހު 5:46 ގައި ނިޔާވެފައިވާ ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން ނިޔާވި 84 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މި މަރާއެކު، ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 84 އަށް އަރައިފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މިހާތަނަށް ނިޔާވެފައި ވަނީ 71 ދިވެހިންނާ، 13 ބިދޭސީންނެވެ.

ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ވަނީ 10 މީހަކު ނިޔާވެފައެވެ. އަދި މި މަހު މިހާތަނަށް 11 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ. މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެ އިން މިހާ ގިނަ ބަޔަކު ނިޔާވި ފުރަތަމަ ފަހަރެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. އަދި ބަލި ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދާއި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރާއްޖެ އިން ބަލި ޖެހިގެން މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު މިހާރު ވަނީ 8،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވެސް 230 އަށް އަރައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަރީދު

    އެޗްޕީ އޭ އިން މީގެ ޒިންމާނަގަންޖެހެނީ މިހާރުން މިހާރަށް ލޮކްޑައުންކުރެޭ