އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

އިޒްރޭލުން ފަލަސްތީނުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި ދަނީ ހަމަލާތަކެއް ދެމުންނެވެ. އިރުމަތީ ގުދުސްގެ ބައެއް ސަރަހައްދު ތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެމީހުން ދިރިއުޅޭ ގެދޮރުން ބޭރުކޮށް، އެ ބިންތަކުގައި ޔަހޫދީންގެ އާބާދީތައް ގާއިމްކުރުމަށް އިޒްރޭލުން ވަނީ މަސައްކަތް ފަށާފައެވެ. މިކަމާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކުރުމުން އިޒްރޭލުން ސިފައިން ވަނީ މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ. މިވަރުން ނުފުދިގެން މަސްޖިދުލް އަގްސާއަށް އިޒްރޭލުގެ ސިފައިން ވަދެ ހަމަނުޖެހުން ހިންގާފައިވެއެވެ.

އިޒްރާލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ކުރާ އަނިޔާވެރި މިފަދަ ކަންކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއިލްގެ ސިފައިން ހިންގާ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. ޝައިހް ޖައްރާހު ސަރަހައްދުގައި އުޅޭ ފަލަސްތީނުގެ އާއިލާތައް އެމީހުންގެ ގެދޮރުން ނެރުމާއި، މިސްކިތުގައި އަޅުކަމުގައި ޝާމިލްވެގެން ތިއްބައި އިޒްރޭލުން ހިންގާ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި އދ.ގެ ސެކިރުރިޓީ ކައުންސިލާއި ޖެނެރަލް އެސެމްބްލީއިން ނިންމާފައިވާ ގަރާރުތަކާއި ވެސް ހިލާފުވެފައިވާ އަމަލުތަކެއް ކަމަށެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވަނީ ވޭތުވެ ދިޔަ ހަފްތާ ތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއިލުން ދެމުންދާ އަނިޔާތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިޒްރާއިލުން ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން މެދު އިރުމަތީގެ ސުލްހަ ގާއިމުކުރުމަށް ހުރަސް އެޅޭ ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މެދު އިރުމަތީގައި ސުލްހަ ގާއިމް ކުރެވޭނީ 1967 ވަނަ އަހަރު އޮތް ބޯޑަރު ގާއިމްކޮށް އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރި ރަށް ކަމުގައި ކަނޑައަޅައިގެން ކަމަށެވެ. އަދި ފަލަސްތީނާއި އިޒްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ކަނޑައަޅައިގެން ކަމަށެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި އޮތީ ފަލަސްތީނުގެ ސަރުކާރާއި އެކީގައި ދިވެހި ދައުލަތު އޮތްކަން ކަށަވަރު ކޮށްދީފައެވެ. އަދި އިޒްރާއިލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތަކާއި، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިޒްރާއިލުން އަރައިގަތުމަކީ ދިވެހި ސަރުކާރުން ރުހޭ ކަމެއް ނޫންކަން ޔަގީން ކޮށްދީފައެވެ.