ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ އެސެސްމަންޓްއެއް ހެދުމަށް ގައުމީ ދިފާއީ ބާރަށް އަންގަވާފައިވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް ދެންމެގެ ވަގުތެއްގައި ވަނީ ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތް ކުރައްވައިފައެވެ. ރައީސް ނަޝީދަށް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މި ޒިޔާރަތަށް ފަހު، އޭޑީކޭ ހޮސްޕިޓަލްގެ ބޭރުގައި މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ނަޝީދުގެ ސެކިއުރިޓީގެ މައްޗަށް އެސެސްމަންޓެއް ހެދުމަށާއި އިންޓެލިޖެންސް ނުލިބުނު މައްސަލާގައި އޮޑިޓެއް ހައްދަވަން ވެސް ފުލުހުންގެ އިދާރާއަށާއި ގައުމީ ދިފާއީ ބާރަށް އެމަނިކުފާނު އަންގަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ވާނެ ސެކިއުރިޓީގެ ކަންކަން ދިޔަ ގޮތުގެ ދިރާސާއެއް ކުރުމަށް އެމްއެންޑީއެފްއަށް އަންގާފަ، ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުން އައީ ކިހިނެއް ކަމުގެ ތަފްސީލީ ރިޕޯޓެއް ގެންނާނެ ކަމަށް ވިދާޅުވި، އަދި ނެޝަނަލް ސެކިއުރިޓީ ކައުންސިލްއާ ބައްދަލުކޮށްފަ، އަޅުގަނޑު އޮންނާނެ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހެއްދުމަށް އަންގާފަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަރަށް ގިނަ ވާހަކަތައް ރައީސް ނަޝީދު ދެއްކެވި ކަމަށެވެ. އަދި ރައީސް ނަޝީދު ހުންނެވީ ވަރަށް ގަދަފަދަކޮށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި ތަހުގީގު ހިނގަމުންދާ ދުވެލި ވެސް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ވަރަށް އަވަހަށް ތަހުގީގު ނިމި، ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށްދާނެ ކަމަށް އުއްމީދު ކުރަން، ޤަބޫލު ކުރެވޭ މި ކަމުގެ ފަހަތުގައި ވަރަށް ގިނަ ބަޔަކު ވެސް ތިބިދާނެ ކަމަށް، ވަރަށް ފުޅާކޮށް ތަހުގީގު ގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނުކުންނަވައި، ހިންގަވާފައި މަޖީދީ މަގުގައި ޕާކްކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށެވެ. ނަޝީދާއެކު، އެމަނިކުފާނުގެ ހަށިފާރަވެރިންނަށާއި އިނގިރޭސި ވިލާތުގެ މީހަކަށާއި ދިވެއްސަކު ވެސް ޒަޚަމްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނުގެ ސެކިއުރިޓީ ބަލިކަށިވެގެން ދިޔަ ގޮތުގެ މައްޗަށާއި އެމަނިކުފާނަށް ސެކިއުރިޓީ ދެވެމުންދާ އައި ގޮތުގެ މައްޗަށް އިންކުއަރީއެއް ނުވަތަ ތަހުގީގެއް ގެންދިއުމަށް ނިންމައިފައެވެ.

ރައީސް ނަޝީދަށް އަދިވެސް ގެންދަވަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރުމަށް ފަހު، އޮޕަރޭޝަންތައް ވަނީ ނިންމާލައިފައެވެ. މިހާރު ކުރިއަށް ދަނީ ޒަޚަމްތައް ރަނގަޅު ކުރުމުގެ މަރުހަލާއެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެއެވެ. ދެން ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ފަހު ހާލަތު ރަނގަޅު ވުމުން ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލާގައި ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ވިދާޅުވާ ގޮތުގައި މައްސަލައާ ގުޅުން ހުރި ހަތަރު މީހަކު ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވެއެވެ. އޭގެ ތެރެއިން ހަތަރުވަނަ މީހަކީ ކާކު ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އޭނާ އަދި ހައްޔަރު ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހުމަދު

    ސެކިއުރިޓީކަންކަމަކީސިޔާސީ މީހުންބޭނުންވީމަ އެބަޔަކުބޭނޫންވާގޮތައް ކު ރަންޖެހޭކަމެއްނޫން ނަމަވެސް ރާއްޖޭގަ މިހާތަނައް ހިންގަމުންއައީ އެގޮތައް ކަމެއްދިމާވީމަ ހުހިހާބްލޭމެއް ސެކިއުރިޓީ ބަލަހައްޓާމީހުންގެ ބޮލައް.

    10
    1
  2. ސަންޖޭ

    ސެކިއުރިޓީންނަށް ފިލައިގެން ވެސް ބައެތްފަހަރު ނަޝީދު އެބަހުރި ގޮސްފަ

  3. ޑައެލޯގް

    ޔާމީނަކަށް ސެކިއުރިޓީއެއް ނެތްތަ؟ގައިމު ފާޅުގަ މީހަކު އެއޮތީބުނެފަ ޔާމީނުގެ ގޮއްވާލާނަމޭ. ގައިމު އެއީ ޑިމޮކްރަސީފަހުން ރައީސްކަން ފުރިހަމަދައުރެއް އަދާކުރި ފުރަތަމަ ރައީސްއެވެ.

  4. އިތުރު

    ރައީސް އޮފީސްވެސް އޮޑިޓް ކޮށް ޒިއްމާ އުފުލާ މިންވަރު ބެލޭނެ ގޮތެއް ވަނީ ބޭނުންވެފައި