ރާއްޖޭގެ ސަރަހައްދަށް، ޗައިނާއިން މިދިޔަ މަހު ފަހުކޮޅު ޖައްވަށް ފޮނުވި ބިޔަ ރޮކެޓުގެ ބައިތައް ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބުމުން އެކަމާއި ރާއްޖެ އަށް އޭލިއަން ފަތުރުވެރިން އައުމާއި ގުޅުވާ މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިއަދު މިނިސްޓަރު ކުރެއްވި ޓްވީޓެއްގއި ވަނީ އެ ރޮކެޓާއެކު ރާއްޖޭގެ ނަން މީގެކުރިން ފާހަގަވެގެން ނުދާ މިންވަރަށް ޓްރެންޑްވެގެން ގޮސްފައިވާ ކަމަށް ފާހަގަކުރައްވާ ރާއްޖެ އަށް ޒިޔާރަތްކުރުން އިޝްތިހާރުކުރުމަށް ބޭނުން ކުރާ "ވިޒިޓްމޯލްޑިވްސް" ހޭޝްޓެގް ބޭނުން ކުރައްވާފައެވެ. އަދި އެ ރޮކެޓް ވެއްޓުމަކީ އޭލިއެލް ފަތުރުވެރިން އަންނަ ނަމަ އަންނާނީ ރާއްޖެ އަށް ކަން އަންގަން ކުރި އިޝާރާތަކަށް ވެދާނެ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

 

ޑރ.މައުސޫމްގެ އެ ޓްވީޓަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނާއި ތިމާވެއްޓަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަން ވެސް އާއްމުންގެ ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.

"ޓޫރިޒަމް މިނިސްޓަރު އެހާވަރަށް ޑެސްޕަރެޓް ވެގެން ނުވާނެ ރާއްޖެ އިސްތިހާރު ކުރަން، އަހަރެމެން ބޭނުން ވަނީ މިއީ ރީތި ހިތްގައިމު ހޮލިޑޭ ޑެސްޓިނޭޝަނެއްގެ ގޮތުގައި މީހުންނަށް ރާއްޖެ އެނގިގެން ދިޔުން، ޗައިނާގެ ރޮކެޓް އޮޅިގެން ވެއްޓުނު ގައުމުގެ ގޮތުގައެއް ނޫން،" މީހަކު ޓުވީޓް ކޮށްފައިވެ އެވެ.

އެ ޓްވީޓްތަކަށް ފާޑުކިޔުން ބޮޑުގެ މިނިސްޓަރ ވަނީ އެ ޓްވީޓު ޑިލީޓްކުރައްވައިފައެވެ. ޓްވީޓް ޑިލީޓް ކުރެއްވި ކަން ހާމަކުރައްވައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ އާންމުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާފައެވެ.

ޗައިނާ އިން ޖައްވަށް ފޮނުވާލި ތަނުން ކޮންޓްރޯލު ގެއްލުނު ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިއަދު ހެނދުނު ވެއްޓިފައިވާ ކަމަށް ޗައިނާގެ ޖައްވީ އިދާރާ އިން ބުނެފިއެވެ. ނަމަވެސް ރޮކެޓް ވެއްޓުނު ސީދާ ލޮކޭޝަނެއް ޗައިނާ އިން ހާމަކޮށްފައެއް ނުވެއެވެ.

މިރޮކެޓް ވެއްޓުމާއި ގުޅޭ ގޮތުން ޗައިނާ އިން ވަކި އެއްޗެއް ބުނެފައި ނުވާއިރ، "ލޯންގް މާޗް 5-ބީ" ރޮކެޓް ވެއްޓިފައި ވަނީ އަރަބިއަން ޕެނިންސިއުލާ އަށް ކަމަށް އެމެރިކާގެ ޖައްވީ ކޮމާންޑުން ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި މިރޮކެޓް ވެއްޓިފައި ވަނީ ރާއްޖޭގެ އުތުރުގެ ސަރަހައްދަކަށެވެ.

ދިގުމިނުގައި 108 ފޫޓް އަދި ބަރުމިނުގައި 20 ޓަނު ހުރި ރޮކެޓް ޖައްވަށް އުދުއްސާލީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އޯބިޓްގެ ތެރެއަށް ރޮކެޓް ދިޔަ ފަހުން ރޮކެޓްގެ ކޮންޓްރޯލް ގެއްލި، ި ބިމަށް ދަމާ ބާރުގެ ސަބަބުން ރޮކެޓްގެ މިސްރާބު ދުނިޔެއަށް އަމާޒުވީއެވެ. .

ރޮކެޓް އެނބުރި ދުނިޔެއަށް ވެއްޓުނުއިރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ކުދިކުދި ވެފައެވެ. ވެއްޓިފައި ވަނީ ރޮކެޓްގެ ކިހައި މިންވަރެއް ކަމެއް އަދި ޗައިނާ އިން ހާމައެއް ނުކުރެއެވެ.

މިރޮކެޓް ދުނިޔެއަށް ވެއްޓޭކަމަށް ޗައިނާ އިން ބުނުމާއިއެކު ޔޫރަޕްގެ ސްޕޭސް އެޖެންސީން ވަނީ މިރޮކެޓް އިންސާނުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިދާނެ ކަމަށް ލަފާކޮށްފައެވެ. ރޮކެޓް ވެއްޓިދާނެ ކަމަށް ޔޫރަޕްގެ ސްޕޭސް އެޖެންސީން ލަފާކުރި ސަރަހައްދުތަކުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކް ވެސް ހިމެނުނެވެ.

ޖައްވަށް ރޮކެޓް އާއްމުކޮށް ފޮނުވަނީ ސެޓްލައިޓްތައް އުފުލުމަށެވެ. ސެޓްލައިޓްތައް އޯބިޓަށް ދޫކޮށްލުމަށްފަހު އާއްމު ގޮތެއްގައި ހުރިހާ ރޮކެޓެއް ވެސް ދުނިޔެއަށް ވައްޓާލައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ައަބޫ

    މުރުމާގެންގުޅޭ ބުރާންޗެއް މަގާމެއްލިބުނީމަ ތޭޅިބާލަނީ

    8
    1
  2. Anonymous

    މީހާގެ ފޮނިކަމަކީ އެމީހާގެ ހަލާކު. ހަމްބްލްނެސް ދަސްކޮށްބަލަ. އަދި ތިއީ ކޮވިޑް ގެމަރުގެ ތަހުގީގަށް ވެސް ގެންދެވޭ މީހެއްކަންވެސް ހަނދާން ކުަންވާނެ
    ނެގްލީޖެންސް ޕްރިކޯޝަންސް ވައިކޭރިއަސް މިއީ އިތުރަށް ދަސްކޮށް ދިެާކުރަންވާނެ ގާނޫނީ މަފްހޫމްތައް.

    7
    1
  3. ބަށްޕަ

    ގުއި ނުދެކޭ ކާޅު ގުއި ދެކުނީމާ ވާހެން ތިޔަވަނީ ބޭފުޅާ

    11
    1
  4. ހަޑިމިލޭރު

    ޓޫރިޒަމް ބޫސްޓް ކުރަން ރަށްރަށަށް ކޮވިޑް ކޭސްތައް އިތުރުކުރިކަމުގެ ޒިައްމާ ތިބޭފުޅާ ނަންގަވާނަންތޯ. ފާޑުފާޑަށް ޓްވީޓްކުރާއިރު.