ރަށުތެރެއިން ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ށ. ޅައިމަގަށް އަރާ ފޭވުން މަނާ ކޮށްފިއެވެ.

ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްޣަނީ އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ، ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރަށު ތެރެއިން ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެގެން މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ރަށު ތެރެއިން ފައްސިވެފައިވާ މީހާއަކީ ބަލީގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކައި ސުންކު ނެގި މީހެއް ކަމަށާއި އޭނާގެ އިތުރުން ވެސް އެހެން މީހަކު ރަށު ތެރެއިން ފައްސިވެފައިވާ ކަމަށް އަބްދުލްޣަނީ ވިދާޅުވިއެވެ.

ޅައިމަގުން މިހާތަނަށް ކޮވިޑަށް ފައްސިވެފައިވަނީ 6 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކަރަންޓީނުގައި ހުއްޓާ އަލާމާތްތަކެއް ފެނިގެން ސުންކު ނަގައިގެން ފައްސިވެފައިވާ މީހަކާއި ކަރަންޓީނުގެ މުއްދަތު ނިންމާލުމަށްފަހު ސުންކު ނެގި 3 މީހެއްގެ އިތުރުން ރަށު ތެރެއިން ފައްސިވެފައިވާ 2 މީހެކެވެ.

އަބްދުލްޣަނީ ވިދާޅުވީ، ރަށުން ފައްސި ވޭދަނަތަކެއް ފެނުމާއި ގުޅިގެން އެފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ސިއްހީ މަރުކަޒުން ކުރަމުން އަންނަ ކަމަށެވެ.

ޅައިމަގުން ނަގާ ސުންކުތައް ޓެސްޓް ހެދުމަށް ފޮނުވަނީ ފުނަދޫއަށެވެ. އަބްދުލްޣަނީ ވިދާޅުވީ، އެގޮތަށް ސުންކު ފޮނުވަން ބައެއް ކަހަލަ ދަތިތައް ހުންނަ ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒުގެ ބަޖެޓުގެ ތާށިކަން ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފަދަ ހާލަތެއްގައި އަޅުގަނޑުމެންގެ ކައުންސިލާއި ގުޅިގެން ސިއްހީ މަރުކަޒުން ސުންކުތައް ފޮނުމުގެ މަސައްކަތް ކުރަނީ" އަބްދުލްޣަނީ ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކުން ކޮވިޑް-19 ފެންނަމުން އަންނަ މިދަނޑިވަޅުގައި ޅައިމަގުން ބަޔަކު ފައްސިވި ނަމަވެސް އަދި ރަށުގެ އާއްމު ހާލަތު ރަނގަޅު ކަމަށާއި އެއްވެސް ކަހަލަ ދަތި ކަމަކާއި ކުރިމަތި ނުވާ ކަމަށް އަބްދުލްޣަނީ ވިދާޅުވިއެވެ.