ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ރައީސް ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދުގެ އިތުރުން ވ. ތިނަދޫ، ހިޔާ، އުމުރުން 25 އަހަރުގެ އަހްމަދު އަދްހަމް އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މުޖާޒް އާއި ތަހްމީނު ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ. އަދި އަދުހަމް ހައްޔަރު ކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެކު ރޭ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފްް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ.

މި ހާދިސާގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި، އިނގިރޭސި ވިލާތުގެ ރައްޔިތަކާއި ދިވެއްސަކަށް ޒަޚަމްތައް ލިބިފައިވެއެވެ. ރައީސް ނަޝީދަށް އަދިވެސް އޭޑީކޭއިން ފަރުވާދެމުންދާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު