ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލައިގައި އިސްކޮށް ހިމެނޭ، އަހުމަދު އަދުހަމް ސިފަ ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިކަން ހާމަ ކޮށްފައިވަނީ މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލުމަށް ހަރަކާތްތެރިވި އަދުހަމް ސިފަ ބަދަލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ދިރިއުޅޭ ތަން ބަލައި ބެލުމުން އެކަމަށް ތައްޔާރުވެފައިވާކަން އެނގޭ ކަމަށް ސީޕީ ވިދާޅުވިއެވެ.

އަދުހަމް

"ފަތިހުގެ ވަގުތުގައި ހައްޔަރު ކުރެވުނު ފަރާތް ކޮންމެވެސް ވަރަކަށް ޑިޒްގައިޒްވުމަށްޓަކައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ ހައްޔަރު ކުރި ވަގުތު. އެފަރާތް ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރުވެސް އެކަމަށް އެޓެމްޓްޕް ކޮށްފައިވާކަން. އެއީ މޫނުމަތީގެ އިސްތަށި، ހާއްސަކޮށް ތުނބުޅި ކޮށާލާ ނުވަތަ ތުނބުޅި ބާލާފައި ހުރިކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އަދި ހަމަ އެއާއެކު ކޮންމެ ވެސް ވަރަކަށް ބޮލުގެ އިސްތަށިގަނޑު ތުނި ކުރަން މަސައްކަތް ކޮށްފައިވާ ކަން ފާހަގަވި. މިކަމަށް ބޭޏުން ކުރި އާލާތްވެސް ރިކަވަރ ކުރެވުނު އެގެއިން" ސީޕީ ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރާ މީހާ އަދުހަމް ހުރީ ސިފަ ބަދަލުކޮށްފައި،

ރައީސް ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އަދުހަމް ހައްޔަރު ކޮށްފައިވަނީ އާންމު ރައްޔިތުން ދީފައިވާ މައުލޫމާތާއި އެކީ އޭނާ ދިރިއުޅެމުން އަންނަ ހުޅުމާލޭ ފްލެޓުން މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގެ ޣާޒީ ސްކޫލް ހުންނަ ސަރަހައްދުގައި ހުރި ފްލެޓަކުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ފްލެޓް 95 ގެ ދެވަނަ ފަންގިފިލާއިންނެވެ.