ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދިން މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ވެސް ހަރުކަށި އަމަލުތައް ހިންގި ކަމުގެ ރެކޯޑާއި ކުށުގެ ރެކޯޑު އެބަ އޮތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ތިން މީހުންގެ ވެސް ބެކްގްރައުންޑް ބަލާލިއިރު ތިން މީހުންގެ ވެސް ކުށުގެ ރެކޯޑެއް އެބަ އޮތް ކަމަށެވެ.

މި ގޮތުން ރާއްޖޭގައި ހިންގާ ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ. އެކަމަކު، ރައީސް ނަޝީދަށް ހަމަލާ ދިނީ ހަރުކަށި އަދި ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ކަމެއް ނޫނީ އެކަނި ރާވައިގެން ކަމެއް އަދި ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ތިން މީހުން ވަކި ހަރުކަށި ފިކުރުގެ ޖަމާއަތެއްގައި ބައިވެރިވާ ކަމަށް އެނގިފައެއް ނެތް." ހަމީދު ވިދާޅުވިއެވެ.

މި މީހުންގެ ކުށުގެ ރެކޯޑް އޮތް އިރު އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި، ވައްކަމާއި، ފޭރުން ފަދަ ކުށްތައް ހިމެނޭ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ. މީގެ ތެރެއިން ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އަހްމަދު އަދްހަމްއެވެ. އަދްހަމް ހައްޔަރު ކުރީ މިއަދު ހެނދުނެވެ. އަނެއް ދެ މީހުން ހައްޔަރު ކުރީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ.

މި ހާދިސާގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި، އިނގިރޭސި ވިލާތުގެ ރައްޔިތަކާއި ދިވެއްސަކަށް ޒަޚަމްތައް ލިބިފައިވެއެވެ. ރައީސް ނަޝީދަށް އަދިވެސް އޭޑީކޭއިން ފަރުވާދެމުންދާއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު

    މައްސަލައެއްނެއް އެމީހުންހައްޔަރުކުރުމުން ބަދަލުހިފުމުގުގެގޮތުން އަތުވެދާނެނުވަތަ ކަމަލައް ކަލޭމެންތަެްޔާތުތަ ކޮބާރައްޔަތުންނައްއޮއްގެރެންޓީއަކީ ކަމެއްކުރާއިރު ވަރައްވިސްނަންޖެހޭ އަދިބޮޑުކަނޑާނަރުނުވޭ