ރ. ހުޅުދުއްފާރު ސްކޫލްގެ ދަރިވަރުންތަކެއް ކޮވިޑަށް ފައްސިވެއްޖެއެވެ.

ހުޅުދުއްފާރު ކައުންސިލްގެ ރައީސް އަލީ ޖަވީދު 'ވަގުތު' އަށް ވިދާޅުވީ، ސްކޫލްގެ ދަރިވަރުންތަކެއް ކޮވިޑަށް ފައްސިވެފައިވާއިރު، އެތަނުން ތިން ކުދިންނަކީ މިއަދު ފައްސިވެފައިވާ ކުދިން ކަމަށެވެ.

އެރަށުން އެންމެ ފުރަތަމަ ސްކޫލް ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި މިހާރު ޖުމްލަ ފައްސިވި މީހުންގެ އަދަދު 4 އަށް އަރާފައިވާ ކަމަށް ޖަވީދު ބުންޏެވެ.

މިއަދު ފައްސިވެފައިވާ 3 ކުދިންގެ ތެރެއިން އެއް ކުއްޖަކީ ކުރިން ފައްސިވި ކުއްޖާ އާއި ދިމާވެފައިވާ ކުއްޖެއް ކަމަށާއި އަނެއް 2 ކުދިންނަކީ އެކުއްޖާއާއި ގާތުން ބައްދަލުވެފައި ނުވާ ކުދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން މިވަގުތު އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

ޖަވީދު ވިދާޅުވީ، އެރަށުން ކޮވިޑް-19 ގެ ވޭދަނަތަކެއް ފެނުމާއި ގުޅިގެން މިވަގުތު އެމީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުޅުދުއްފާރުގެ އިތުރުން ރާއްޖޭގެ ގިނަ ރަަށްތަކެއްގައި މި ބަލި އަންނަނީ ހަލުވިމިނުގައި ފެތުރެމުންނެނެވެ. އެގޮތުން މިހާތަނަށް ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައި ވޭދަނަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިއިން ކޮންމެ ރަށަކުން 100 އަށް ވުރެ ގިނަ ވޭދަނަ މިހާރު ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުކުޅޭ

    އެޑިޔުކޭޝަން މިނިސްޓްރީގެ އިސްމީހުން ކުރިން މުޅިންވެސް ކިޔަމުން އައީ "ސްކޫލް ކްލަސްޓާ އެއް ނެތް" ނޫންހޭ.
    އެހެންވެ ސްކޫލް ކްލަސްޓަރ އެއް އުފައްދަން އެމީހުން ކުރި މަސައްކަތުގެ ނަތީޖާ ތިއީ.