ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މައްސަލައިގެ ތަހުގީގުގެ ދުވެލި ވަރަށް ހަލުވި ކަމަށާއ އިންސާފަށް ވާސިލްވެވޭނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ޤައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދާ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ބައްދަލު ކުރެއްވިއިރު، އެމަނިކުފާނުގެ ވާހަކަފުޅުން ވެސް ފާހަގަކުރެވުނީ އެމަނިކުފާނުގެ ހިތްވަރުފުޅު ގަދަކަމާއި، އަޒުމަށް ކުޑަ ވެސް ބަދަލެއް ނާންނަ ކަން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހި ދައުލަތުގެ އެންމެ ބޮޑު އަމާޒަކަށް މި ވަގުތު އޮތީ ހަމަލާ ދިން ފަރާތްތައް ހޯދައި އެ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. އެ މަސައްކަތް ކުރުމުގެ ގޮތުން ތަހުގީގަށް ބޭނުން ކުރެވެން އޮތް ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ގޮތުން އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްގެ މާހިރުންނާއި، އޮސްޓްރޭލިއާގެ ފެޑެެރަލް ޕޮލިސް އަދި އިނގިރޭސި ވިލާތުގެ ފުލުހުންގެ އެހީތެރިކަން ލިބެމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއާއި، އެމެރިކާގެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް އެ ގައުމުތަކުން އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ތަހުގީގުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، ސުވާލު ކުރަން ޖެހޭ ފަރާތްތަކާއި ސުވާލު ކުރުމާއި ހޯދަން ޖެހޭ ހެކިތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާތަނަށް ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ތަހުގީގުގެ ދުވެލި ހުރީ ވަރަށް ހަލުވިކޮށް ކަމަށެވެ.

މީގެ އިތުރުން، ތަހުގީގަށް ލިބޭ ކުރިއެރުންތައް ވަގުތުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު، ރައީސްއާ ޚިއްސާ ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޮންމެ 24 ގަޑިއިރަކު އެއް ފަހަރު، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ވެސް ތަހުގީގުގެ މައުލޫމާތުތައް ޚިއްސާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕީޖީގެ ފަރާތުން ތަހުގީގަށް އެހީވާން ޚާއްސަ ޓީމެއް ވެސް އެކުލަވާލާފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

"ﷲ ގެ ވާގިފުޅާއެކު މި ތަހުގީގަކީ ފުރިހަމަ ތަހުގީގަކަށް ހަދައި، މި ކަމުގައި ޝާމިލްވާ ފަރާތްތައް ހައްޔަރުކޮށް، ވީހާވެސް އަވަހަށް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ތި ބޭފުޅުންނަށް އަރުވަން، މި ތަހުގީގު ރަނގަޅަށް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ، އެ ކަމަށްޓަކައި ތަހުގީގު ޓީމުން ކުރާ ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކުރަން،" ރައީސް ވިދާޅުވިއެވެ.

ނިރުބަވެރިންގެ ރޭވުންތައް ކާމިޔާބު ވާން އެމްޑީޕީއިން ފުރުސަތު ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީ އިސްވެ އުފައްދާފައިވާ އެމަނިކުފާނުގެ ސަރުކާރަކުން ވެސް އެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ވެސް އޮތީ އެ ފުރުސަތު ދޭ ގޮތަކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ޕާޓީއަކީ އަބަދުވެސް ހަމަހަމަ ކަމާއި އިންސާފަށް ލޯބި ކުރާ ޕާޓީއެއް، ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމަށް ލޯބި ކުރާ ޕާޓީއެއް، އަނެކާގެ ފުރާނައަކީ އަގުހުރި އެއްޗެއް ކަން ދަނެ އެ ކަމަށް އިޚްތިރާމް ކުރާ ޕާޓީއެއް، މިއީ އެއްވެސް ހާލަތެއްގައި އެއްވެސް ޒަމާނެއްގައި ބަދަލު ވާނެ ސިޔާސަތުތަކެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ އެންމެ އަރިސް ސިޔާސީ ބައިވެރިޔާ، އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާއެކު، އޭޑީކޭގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އޭޑީކޭއިން ވަނީ ކާމިޔާބު ކަމާއެކު އެމަނިކުފާނުގެ އޮޕަރޭޝަންތައް ނިންމާލައިފައެވެ. މިހާރު ދަނީ ޒަޚަމްތައް ފަސޭހަ ކުރުމުގެ މަރުހަލާއެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމާއި ވާހަކަފުޅު ދެކެވޭ ކަމަށް އާއިލާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައެލޯގް

    ހޫން! ކަލޭމެންގެ އިންސާފު ނިމޭއިރު ވަކިބަޔަކަށް ނިމޭނީ. ކޮބާ ޔާމީނު ގޮއްވާލަންބުނިމީހާ އެނުވޭތަ ޓެރަރިސްޓަކަށް؟ ކޮބާ ހޯރައިއްބެ؟ ކޮބާ ސަފާރީކޭސް، ކޮބާ އެމްޑީއެން؟ ކޮބާ އުތެމަކޭސް؟ ކޮބާ ރިލްވާން، އަފްރާޝީމް ޔާމީންރަޝީދުކޭސް؟ ޕާޓީކުދިންނަށް ބަދަލުގޭންއެގޭނީ

    12
  2. ރައްޔިތު ީހާ

    ދިވެހިރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިނގައިދިޔަ މައްސަލަ އަކަށް އޮތީ ހަމައެކަނި ތި ބޮމުގެ މައްސަލައަށް ވާތީ، ރައްޔިތުން ނުހަނު ކަންބޮޑުވަމެެވެ. އެކުވެރި ރައީސުލް ޖުމްހޫރިއްޔާ އެވެ.. ނިކަން ގޮތްނޭންގޭ މަރުތަކާއި ރިޔާސީ ލޯންކޮޅުގަ ބޮންގޮށްވި މައްސަލަވެސް ހަމަ ތިޔަ މައްސަލަ ބައްލަވާ ގޮތަށް ބައްލަވާލަދެއްވާށެވެ! އޭރުން ރައްޔިތުންގެ ތާޢީދު މަނިކުފާނަށް އޮށްސާލާނަމެވެ. ނަމަވެސް އެހުރިހާ މައްސަލައެއް ބަލާ ނަމުގަ އާއި މުރާޖަޢާ ކުރާނަމުގައި ރައްޔިތުންނަށް ހުވަފެން ދައްކުވާފައި ވެރިކަމު އަރާ އެ މައްސަލަތައް އަޑިއަޑިން ފާއްދާލަމުން ތި ގެންދަވަނީ މި ރައްޔިތުން އެ ހަނދާން ނެތިދާނެ ކަމަށް ހެއްޔެވެ؟ ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ!