ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން ދާތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންނަށް ޒިޔާރަތް ކުރުން އޭޑީކޭ ހޮސްޕިޓަލުން މަނާކޮށްފިއެވެ.

އޭޑީކޭ އިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، އާންމުންގެ ރައްކާތެރިކަމަށާއި އަދި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށް ޓަކައި، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް އެހޮސްޕިޓަލުން އަޅަމުން ގެންދާ ކަމަށެވެ.

އެގޮތުން ކޮވިޑްގެ ޙަލާތު އިތުރަށް ގޯސްވަމުން ދިއުމާއެކު، ހޮސްޕިޓަލަށް އެދުމަތިކޮށްގެން ފަރުވާދޭ ބަލިމީހުން ކައިރިޔަށް ޒިޔާރަތް ކުރުން ހުއްޓާލާފައިވާ ކަމަށް ހޮސްޕިޓަލްގެ ބަޔާނުގައި ވިދާޅުވިއެވެ.

ބަޔާނުގައި ވިދާޅުވީ އެދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި މަޑުކުރެވޭނީ އެންމެ ފަރާތަކަށް ކަމަށާއި އެމީހަކީ ކޮވިޑްގެ އަލާމާތެއް ނެތް މީހަކަށްވާންވާނެ ކަމަށެވެ.

ބަލިމީހުންނާ ޞިއްޙީ ޚިދުމަތްތެރިންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި، މިކަމުގައި ޢާންމުންގެ އެއްބާރުލުން ކޮންމެހެންވެސް ބޭނުންވާ ކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި، ބަލިމީހުން ކައިރީ ތިބުމަށް ހޮސްޕިޓަލުން ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި އެހެން ބޭފުޅުން ހޮސްޕިޓަލަށް ވަޑައި ނުގެންނެވުމަށް ވެސް އޭޑީކޭ އިން އެދެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް އިތުރުވަމުން އަންނައިރު މިހާރު މާލެ އިން ކޮވިޑަށް ޓެސްޓް ކުރާ ކޮންމެ ފަސް މީހަކުން ތިން މީހަކު ދަނީ ކޮވިޑަށް ފައްސިވަމުންނެވެ. މިހައި ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވަމުން ދަނީ މާލޭ މަގުމަތިން ކޮވިޑް ސުންކު ނެގުން ވެސް ހުއްޓާލާފައި ވަނިކޮށެވެ.