ކުޑަކުދިންގެ މައްސަލަތައް ހައްލުކުރުމުގައި މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސާބަތުގައި ދެއްވި ހިތޯބުގައި ކުދިންގެ އާއިލާތަކަށް މިއަހަރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވަމުން އެމަނިކުފާނު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ، ޖަމާއަތްތަކަށްވެސް، ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ އެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަކީ، އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމަކާއި ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދީގެން، ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެގޮތުން، އެ ކުދިންގެ ސިއްހަތަށާއި ތައުލީމަށް އަދި އެ ކުދިންގެ ހެދިބޮޑުވުމަށާއި އެ ކުދިންގެ އިޖުތިމާއީ ރައްކާތެރިކަމަށް، ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ވެސް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ މުހިއްމު އެއް ބޭނުމަކީ، މުޖުތަމައުގައި ހިމެނޭ މަދު ބައެއްގެ ފަރާތުން ވިޔަސް ކުޑަކުދިންނަށް ކުރިމަތިވާ، އެންމެހައި ގޯނާތަކާއި ގަނާކުރުމުގެ އަމަލުތަކުން އެކުދިން ރައްކާތެރި ކުރުމެވެ.

"ކުޑަކުދިންގެ ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެން މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވަނީ، ލޯތްބާއި އޯގާތެރިކަމާއެކު ކުޑަކުދިން ބަލައި ބޮޑުކުރުމަށް. ކޮންމެ ކުޑަކުއްޖަކާ މެދުވެސް ދެކެންވީ ތިމާގެ އަމިއްލަ ދަރިއެއް ފަދައިން" ރައީސް ވިދާޅުވިއެވެ.

އަށާވީސް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެކުލަވައިލި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް، މިދިޔަ އަހަރުގެ ކުރީކޮޅު އަމަލުކުރަން ވަނީ ފަށާފައެވެ. ނަމަވެސް، ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ، ގާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ މާފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހޭކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ހައްލުކުރެވޭނީ މުޅި ދައުލަތުގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބިގެންނެވެ.

"އެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުއީ ދާއިރާ ހިމެނޭ ގޮތުން، މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވޭ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި އެމަނިކުފާނު ވަނީ އޯގާތެރިކަމާއި ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް، އެކުދިން ހޭނުވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޭރާން

    ހޯރަ އިބްރާހިމް އާއި އިބްރާހިމް ސޯލިހު ކުޑަކުދިންގެ ޙައްޤުގައި ދައްކާނެ ވާހަކައެއްނތް

  2. ޒައު

    އޭ މިފޮޓޯގައި އިބޫގެ މާސްކު ކޮބާ..؟ އަދި ސޯސަލް ޑިސްޓެންސިން ކޮބާ.؟