ކ. ގުރައިދޫއިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ އަދަދު 11 އަށް އިތުރުވެއްޖެއެވެ.

ގުރައިދޫ ސިއްހީ މަރުކަޒުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޖުމްލަ 11 މީހަކު ކޮވިޑަށް ފައްސިވި އިރު، އޭގެ ތެރެއިން އެކަކު ބަލިން ވަނީ ރަނގަލުވެފައެވެ.

އެ ރަށުން 37 ގެއެއް ކަރަންޓީނުކޮށްފައި ވެއެވެ. އެގޮތުން މި ގެތަކުން 120 މީހުން މިވަގުތު ކަރަންޓީނުގައި ތިބިކަމަށް އެ ހެލްތު ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

ފަހުން ފައްސިވި ދެމީހުންނާ ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ މީހުންގެ ގޮތުގައި 32 މީހަކު ވަނީ ފާހަގަކުރެވިފައި ކަމަށާއި، މިވަގުތު ނަތީޖާ ނުލިބި 34 ސުންކެއްވާ ކަމަށް ހެލްތު ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

އެރަށުން އަލަށް މީހަކު ފައްސިވެފައި ވަނީ އޭޕްރީލް 24 ވަނަ ދުވަހުއެވެ. އެމީހާ މިހާރު ވަނީ ބަލިން ރަނގަޅުވެފައެެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ގުރައިދޫގައި ތިބީ 10 މީހުންނެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އިއްޔެވެސް ވަނީ ރެކޯޑް މިންވަރަކަށް މީހުން ފައްސިވެފައެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސިވި ކަމަށް ދެއްކި 1091 މީހުންގެ ތެރެއިން 933 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅު ތެރެއިން 147 މީހަކު ފައްސިވެފައިވާއިރު، ރިސޯޓްތަކުން ހަ މީހަކާއި، ސަފާރީތަކުން ތިން މީހަކާއި، ތަރައްގީ ކުރަމުންދާ ރަށްތަކުން ދެ މީހަކު ފައްސިވެފައި ވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 35،815 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 9423 މީހެކެވެ. އޭގެ ތެެެރެއިން 250 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.