ރާއްޖޭގައި ކޮވިޑަށް ފައްސިވެގެން އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ޖެހިގެން ހާލަތު ދެރަވާނެ ކަމަށް ބެލެވޭ މީހުން ބޭތިއްބުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލް، ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނަސީރު ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑް ބެޑް ކެޕޭސިޓީއަކީ 293 ކަމަށެވެ. އަދި މި އެނދުތަކުގެ ތެރެއިން 80 އިންސައްތަ އެނދު ފުރިފައިވާ ކަމަށް ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް 30 އެނދު އިތުރުކުރުމުގެ މަސައްކަތާއި ހުޅުމާލޭ ހޮސްޕިޓަލު ޑައުންގްރޭޑްކޮށް، ކޮވިޑަށް ފައްސިވާ މީހުންނަށް ފަރުވާދޭ މަރުކަޒަކަށް އެ އިމާރާތް ބަދަލުކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް މި ބަދަލު ގެނައި ކަމުގައި ވީ ނަމަވެސް ސީޓީ ސްކޭނާއި އަލްޓްރާ ސައުންޑް ސްކޭނާއި އަދި ލެބޯރެޓަރީގެ ހިދުމަތް ލިބޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑަށް ފައްސިނުވާ މީހުންނަށް 24 ގަޑިއިރު އިމަޖެންސީ ފަރުވާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ވަކިން ހުންނަ އިމާރާތެއްގައި ކޮވިޑަށް ފަރުވާދޭއިރު، އެތަނުގައި އައިސީޔޫއެއް ވެސް ވަނީ ގާއިމުކޮށްފައެވެ. އެ ބައިގައި 120 އެނދު ހުންނާނެ ކަމަށާއި އޭގެ ތެރެއިން 58 އެނދަކީ މިހާރު ވެސް ހޮސްޕިޓަލުގައި ބޭނުންކުރަމުން އަންނަ އެނދު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު، އިއްޔެއާ ހަމައަށް 250 މީހަކަށް އައީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ކުރިއާ ހިލާފަށް މިހާރު ކޮވިޑްގައި ޒުވާނުންގެ ހާލަތު ވަރަށް ބޮޑަށް ސީރިއަސްވަމުންދެއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް މަތިވާން ފެށުމާއިއެކު ވެސް އޮތް އެންމެ ބޮޑު ބިރަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ފުރުމުގެ ބިރެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވާއިރު، ބަލި މީހުންނަށް ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު އިންތިހާއަށް މަދެވެ. އެހެންކަމުން ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކުރެވުނު ނަމަވެސް އެތައް ބަޔަކަށް އެކަށީގެންވާ ފަރުވާއެއް ނުލިބުމުގެ ބިރު އެބައޮތެވެ.

މިހާތަނަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ 250 މީހުންގެ ތެރެއިން އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނީ ތިން މީހެއް ކަމަށާއި އަދި އައިސީޔޫގެ ވެންޓިލޭޓަރަށް ނުލާ ޖުމްލަ ފަސް މީހަކު އެބަތިބި އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.