މާދަމާއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސަރަ ކުރުމާއި އެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެ އެވެ.

މެޓުން ވިދާޅުވީ، މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖެ ސަރަޙައްދަށް ފެށެން ކައިރި ވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން މިދުވަސްތަކުގެ ރާއްޖޭގެ ބޮޑު ބަޔަކަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 5 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވިދާޅުވިއެވެ. އަދި ކަނޑުތައް ގަދަވާ ދުވަސްދުވަހު ބައެއް ރަށްތަކަށް އެދައެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ދުވަސްތަކުގައި ގަދާވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާ ތަކުން ސަލާމަތް ވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.