މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ފ. ނިލަންދޫއިން އިތުރު 21 މީހަކު ފައްސިވެއްޖެއެވެ.

ނިލަންދޫއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ފައްސިވެފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ އެޗްޕީއޭގެ ޚާއްސަ ހުއްދައިގެ ދަށުން ދެ ޑޯޒު ވެކްސިން ފުރިހަމަ ކުރުމަށްފަހު، 14 ދުވަސްވެސް ހަމަ ކޮށްގެން އެރަށަށް ދިޔަ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ފައްސިވުމާއި ގުޅިގެން މޮނިޓަރިންގައި ނެތް މީހެއް ކަމުން އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އޭނާއާއި ގާތުން ބައްދަލުވެފައިވާ ބައެއް ފަރާތްތަކުގެ ސުންކު ވެސް ވަނީ ނަގާފައެވެ.

ނިލަންދޫ ކައުންސިލްގެ ޑިރެކްޓަރ މުނީރާ އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ، އެރަށުން ފައްސިވެފައިވާ 21 މީހުންގެ ތެރޭގައި ކުރިން ފައްސިވެފައިވާ މީހާއި ގުޅުން ހުރި މީހުން ވެސް އެބަ ތިބި ކަމަށެވެ. މިއާއި އެކީ އެރަށުން ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 22 އަށް އަރާފައެވެ.

އެރަށުން ފައްސިވި މީހުންގެ ތެރޭގައި އޭނާ އާއި ގުޅުން ނެތް މީހުން ތިބި ކަން ފާހަގަ ކޮށް މުނީރާ ވިދާޅުވީ، އެމީހުންނަށް ބަލި ޖެހިފައިވަނީ ކޮންގޮތަކުންތޯ ބަލަމުން އަންނަ ކަމަށެވެ.

އަދި މިވަގުތު އޭގެ ތެރޭގައި ހޮސްޕިޓަލުގެ އެއް މުވައްޒަފަކު ހިމެނޭ ކަމަށާއި އެހެން ކަމުން ހޮސްޕިޓަލުގެ މުވައްޒަފުންގެ ސުންކު ނަގައި ޓެސްޓް ހެދުމުގެ ކަންކަން ކުރިއަށްދާ ކަމަށް ވެސް މުނީރާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުދު ހުދު

    ރަށް ރަށުގަ ކޮވިޑް ފެތުރެނީ. އެރަށް ތަކުގެ ރައްޔިތުން ވެސް ތިބީ ރައްކާތެރިވެގެން. އެކަމަކު ރަށުގެ ސިއްހީ ހާލަތު ވަރަށް ދަށް. ބޭސް ފިހާރަ އިންނަނީ ނަމެއްގަ. ކައުންސިލު އޮންނަނީ ނަމެއްގަ