ހއ. ދިއްދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 98ށް އަރައިފިއެވެ.

ދިއްދޫ އިން އިތުރު 11 މީހަކު ބައްޔަށް ފައްސިވެ، ޖުމްލަ ފައްސި 98ށް އިތުރުވެފައި ވާއިރު މިހައިތަނަށް އެރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅު ވެފައި ވަނީ އެންމެ މީހެކެވެ.

ދިއްދޫ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެރަށުން ފައްސިވި މީހުންގެ ތެރެއިން 83 މީހުންނަކީ ޑައިރެކްޓު ކޮންޓެކްޓުންނެވެ. ފަސް މީހަކު ރެންޑަމް ސުންކުތަކުން ފައްސިވި އިރު 3 މީހުންނަކީ ހޯމް ކަރަންޓީނު ނިންމުމަށް ފަހު ނެގި ސުންކުން ފައްސިވި މީހުންނެވެ. އަދި އެރަށުން ފައްސިވި ފުރަތަމަ މީހަކީ ބަލީގެ އަލާމާތްތައް ފެނުމާއި އެކު ފްލޫ ކްލިނިކަށް ދެއްކުމުން ފައްސިވި މީހެކެވެ.

ހަލުވިކަމާއި އެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިއްދޫގައި ބަލި ފެތުރުމާއި އެކު ދާދި ފަހުން އެރަށު ކައުންސިލުން ވަނީ ހަށުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވަކި ގަޑިއެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއި ގިނަ ވަގުތުތަކެއްގައި ކާފިއު އިއުލާން ކުރުމުގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ހިމެނެއެވެ.

ދިއްދޫ އިން ފައްސިވި 98 މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެ، މީގެ ކުރިން ވަނީ ށ. އަތޮޅު ކޮވިޑް ފެސިލިޓީ އަށް ގެންދެވިފައެވެ. ހއ. އިހަވަންދޫގައި ސަރުކާރުން ކޮވިޑް ފެސިލިޓީ އެއް ގާއިމު ކުރި ނަމަވެސް، އެރަށުގައި ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ސަބަބުން އެތަނުގެ ބޭނުން ހއ. އަތޮޅުގެ ރައްޔިތުންނަށް ކުރެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އެ އަތޮޅު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.