ގއ. ކޫއްޑޫގައި ބަނދަރުކުރި މިފްކޯގެ މަސްބޯޓަކުން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މި ހަތަރު މީހުންނަކީ ވެސް މިފްކޯގެ 'މަހާކަލަމިންޖާ' ގައި މަސައްކަތް ކުރަމުން އަންނަ ފަޅުވެރިންތަކެކެވެ. މިވަގުތު އެ ހަތަރު މީހުން ވެސް ތިބީ ކޫއްޑޫގައި އެކަހެރި ކޮށްފައެވެ.

ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު "ވަގުތު" އަށް ވިދާޅުވީ، އެ ބޯޓަކީ އެއީ ފެލިވަރުން ކޫއްޑުއަށް އައި ބޯޓެއް ކަމަށާއި އެހެން ނަމަވެސް ބޯޓު ބަނދަރުކޮށްފައިވަނީ ކޮން ދުވަހެއްގައި ކަމެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ފައްސިވެފައިވާ ބޭފުޅުން ރަށު ތެރޭގައި އުޅުނު ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެން ނަމަވެސް އެކަން ޔަގީން ކުރެވިފައި އަދި ނުވާ ކަމަށެވެ. އަދި އެކަންކަން ބަލަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ފައްސިވެފައިވާ ހަތަރު ބޭފުޅުންނާއި ގާތުން ބައްދަލުވި މީހުންގެ ގޮތުގައި މިހާތަނަށް 5 ފަރާތެއް ހިމެނޭ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އެބޭފުޅުންގެ ޓެސްޓް ހެދުމަށް ސުންކު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ކޫއްޑޫއިން ފުރަތަމަ ކޮވިޑަށް ފައްސިވެފައިވާ ހަތަރު ބޭފުޅުންކަން ފާހަގަ ކޮށްލެވެއެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި ވެސް ފަހަކަށް އައިސް ކޮވިޑްގެ ވޭދަނަތައް ވަނީ ގިނަ ވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އަތޮޅު ތެރޭގެ ރަށްތަކުން 147 މީހަކު ފައްސިވި، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 35،815 އަށް އަރާފައެވެ.

އިތުރު ތަފްސީލް އަންނަނީ...