މާލެއިން ލ. ފޮނަދޫއަށް ދިޔަ ބޯޓަކުން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފޮނަދޫ ހެލްތް ސެންޓަރުން ބުނީ، ފައްސިވެފައިވަނީ 'މަގަންގީ" ނަމަކަށް ކިޔާ ބޯޓުގެ 8 މީހެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 5 ބިދޭސީން ކަމަށް ވެސް ހެލްތް ސެންޓަރުން ވަނީ ބުނެފައެވެ.

މިވޭދަނަތަކުގެ އިތުރުން އެރަށުން މީގެ ކުރިން ވަކި ތަރުތީބެއް ނެތި ނަގާފައިވާ ސުންކެއް ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއި އެކީ އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 26 އަށް އަރާފައެވެ.

އެރަށުން އިތުރު 8 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މިހާތަނަށް ނެގި 462 ސުންކުގެ ތެރެއިން 219 ސުންކެއް ވަނީ ނައްސިވެފައެވެ. އަދި ނަތީޖާ ނުލިބި 217 ސުންކެއް ހިމެނޭއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން އެރަށުން ރަނގަޅުވެފައިވަނީ ދެ މީހެކެވެ.

ފޮނަދޫގެ އިތުރުން އެއަތޮޅުގެ އެހެން ރަށްތަކުން ވެސް ކޮވިޑް-19ގެ ވޭދަނަތަކެއް ވަނީ ފެނިފައެވެ. އެ ވޭދަނަތަކާއި ގުޅިގެން އެއަތޮޅުގެ ގިނަ ރަށްތަަކަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

އަތޮޅުތަކުގެ ގިނަ ރަށްތަކުން ކޮވިޑްގެ ވޭދަނަތައް ފެންނަމުން އަންނާތީ މިވަގުތު 30 އަށްވުރެ ގިނަ ރަށްރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ. މިރަށްތަކުން ފާއިތުވި 24 ގަޑިއިރު، 147 މީހަކު ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަ ކޮށްފައެވެ.