ކަރަންޓީން އާ ހިލާފުވި ދެ މީހަކު އައްޑޫ ސިޓީ ހުޅުމީދޫން ހައްޔަރުކޮށްފި އެވެ.

ހުޅުދޫ އިން ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ވަނީ އެ އަވަށުން ދެ މީހުން ހައްޔަރު ކުރިކަން "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

ހުޅުދޫ އިން ހައްޔަރު ކުރި ދެ މީހުންނަކީ މެދު އުމުރުގެ ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ ތެރެއިން އެކަކީ ކޮވިޑަށް ފައްސިވެފައިވާ މީހެކެވެ. އެހެންނަމަވެސް އޭނާ ގޭގައި ކަރަންޓީނު ނުވެ ރަށުތެރެއަށް ނުކުމެގެން އުޅޭތީ އާއްމުންގެ ޝަކުވާ ކަމާއި ބެހޭ ފަރާތްތަކަށް ލިބެމުން އައިކަން އިތުބާރު ހުރި ފަރާތަކުން ވަނީ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފާހަގަ ކޮށްފައެވެ.

ހައްޔަރު ކުރި ދެވަނަ މީހާ އަކީ ބައްޔަށް ފައްސިވި މީހާ ދިރިއުޅުނު ގެއަށް ކަރަންޓީނުގެ އުސޫލާއި ޚިލާފަށް ވަތް މީހެކެވެ.

"ނަސޭހަތްވެސް ދިން ވަރަށް ފުލުހުން. ހަމަ ބޭރުތެރެއަށް ނުކުމެ އުޅެނީ. މޫނު ބުރުގާ އަޅައިގެން ރަށުތެރޭގައި އުޅެނީ. ދެން އެންމެ ފަހުން ރޭ އޭނާ ފުލުހުން ހައްޔަރު ކުރީ." އޭނާ ބުންޏެވެ.

އައްޑޫސިޓީގެ ވަކިން އޮންނަ ދެ އަވަށް ކަމަށްވާ ހުޅުދޫ އާއި މީދޫ ހިމެނޭހެން މުޅި ސިޓީ އޮތީ ފުރަބަންދުކޮށްފައެވެ. ކޮވިޑްގެ ވޭދަނައެއް ފެނުމުން ހުޅުދޫ އާއި މީދޫ އަށް އަރާ ފޭބުން މަނާކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެރަށުން ގިނަ ވޭދަނަތަކެއް ދަނީ ފެންނަމުންނެވެ. އެރަށުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު 24 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާކަރަންޓީން

    ހިލާފުވީމަ ހިލާފުވި ތަން ފެންނަނީ މިދިޔަމަހު 23 ހުން ފެށިގެން މިހުންނަނީ ކަރަންޓީން ކޮށްފައި އަދިވެސް ކަރަންޓީން ކުރިކަމުގެ ލިޔުން ނުލިބޭ މީ ބޮޑުވަރު އޮފީހުން ބުނަނީ މިމަހުގެ 15 ގެ ކުރިން ލިޔުން ނުލިބެއްޖެނަމަ ނާދެ ޖެހުމަށްފަހު ހާޒިރީ ރިޕޯޓް ފޮނުވާނެކަމަށް ކާކުބާ ޒިންމާ ނަގަނީ.

  2. ޕެޑްމޭން

    ރައީސް ނަޝީދުއަށް އަމާޒްކޮށް ބަޔަކު ހަމަލައެއްދީގެން އެކަމުގެ ނުރުހުމުގައި ކަމަށް ބުނެ އައްޑުއަތޮޅު ހިތަދޫން ބަޔަކު ވަނީ އެޗްޕީއޭގެ އުސޫލުން ބޭރުން ސައިކަލް ބުރެއް ބާއްވާފައެވެ. މިކަންކުރުމުގައި އިންތިހާބީ ކައުންސިލަރާއި ވަގުތީ ކައުންސިލަރުވެސް ވަނީ މިސައިކަލްބުރުގައި ބައިވެރިވެފައެވެ. އެޗްޕީއޭގެ ގަވާއިދު ތަންފީޒްވަނީ ވަކިބަޔަކަށްކަމަށްވާނަމަ ދިމާކުރާތީ ނުކިޔާ ހުއްޓާލައްވާށެވެ. ދިމާކުރާތީ ކިޔާކަމަށްވާނަމަ ގާނޫނު ތަންފީޒްކުރުމުގައި މީހާގެސައިޒެއް ބަލައިގެންނުވާނެވެ.