މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ މިއަހަރުގެ ފިތުރު އީދާއި ދިމާކޮށް، ކ. ގާފަރަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށްފިއެވެ.

އެގޮތުން އިއްޔެއިން ފެށިގެން މިއަދާ ހަމައަށް އެރަށަށް 350 ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެރަށުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ. އަދި އެ އަދަދަކީ ގާފަރުގެ ތާރީހުގައިވެސް އެއްފަހަރާ އެންމެގިނަ މީހުން ޒިޔާރަތްކުރި ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ.

ގާފަރަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ހިތްގައިމު ރަށެކެވެ. އާބާދީގައި 1500 މީހުން އުޅޭ މިރަށަކީ ލޯކަލް ޓްއަރިޒަމް އަށް ލޯހުޅުވި އެ ވިޔަފާރި ފުޅާކުރަމުން އަންނަ ރަށެކެވެ. އެގޮތުން މިހާރުވެސް އެކަމަށް ހާއްސަ ތިން ގެސްޓް ހައުސް ގާފަރުގައި ހުޅުވާފައިވާއިރު އިތުރު ހަ ގެސްޓް ހައުސްއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގާފަރުގެ ރައްޔިތުންނަކީ އެއްބައިވަންތަ ބައެކެވެ. އަދި އެރަށަކީ ޢީދު ފަދަ މުނާސަބާތަށް ކުލަގަދަގޮތެއްގައި ފާހަގަކުރަމުން އަންނަ ރަށެކެވެ. އެހެންކަމުން ޢީދާއި ދިމާކޮށް އެރަށަށް ޒިޔާރަތްކުރި ފަރާތްތަކަށް އެރަށަކީ ހިތްހަމަ ޖެހިގެން ވަގުތު ހޭދަކޮށްލުމަށް އެފަދަ ދެވަނައެއްނެތް ރަށެކެވެ.