މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހިންގި ތިން އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަންތަކުގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ތިން މީހުންނަކީވެސް ދިވެހިންނެވެ.

އުމުރުން 23 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ގދ. ވާދުއަށް ޑިންގީއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް އެ ޑިންގީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އުމުރުން 31 އަހަރުގެ މީހާއާއި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ރެއެވެ. ފުލުހުން ވިދާޅުވީ، އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އައްޑޫސިޓި ގަން ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫސިޓީ ފޭދޫގެ ފަޅު ގެއެއްގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.