ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 200 އަށް އަރައިފިއެވެ.

ހިންމަފުށީގައި މިދިޔަ މަހު ކޮވިޑް-19 ފެތުރެން ފެށީ އެ ރަށުގައި ހުންނަ އައްސޭރި ޖަލުގައެވެ. އެ ޖަލުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހު އެމީހާ ކޮވިޑަށް ފައްސިވި ކަން އެނގުމާ އެކު، ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. މިހާތަނަށް އައިއިރު ވެސް އެ ނިންމުމަށް އަދި ބަދަލެއް ނުގެނެއެވެ.

ހިންމަފުށީގައި ވަރަށް ބޮޑަށް ބަލި ފެތުރިފައިވާ އިރު، އެ ރަށު ސިއްހީ މަރުކަޒުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ރަށުން ކޮވިޑް ފެނުނު ފަހުން މިހާތަނަށް ނެގި 569 ސުންކުގެ ތެރެއިން 200 ސުންކު ވަނީ ކޮވިޑަސް ފައްސިވެފައެވެ. އަދި ނައްސިވެފައި ވަނީ 298 ސުންކެވެ. ޓެސްޓް ކުރި 45 މީހެއްގެ ނަތީޖާ ނުލިބޭ އިރު، ނަތީޖާ ކަށަވަރު ކުރުމުގެ މަރުހަލާގައި 26 ސުންކެއް ހިމެނެއެވެ.

އެ ރަށުން ކޮވިޑް ޖެހިގެން ރަނގަޅުވެފައި ވަނީ އެންމެ 22 މީހުންނެވެ. އަދި އެކްޓިވް ވޭދަނަތަކުގެ އަދަދު 177 އަރައެވެ. ހިންމަފުށިން ބަލި ޖެހުނު އެކަކު ވަނީ ނިޔާވެފައެވެ. މާލެ އަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވެފައި ވަނީ ބިދޭސީއެކެވެ.

ހިންމަފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަގުތަށް" މިއަދު ވިދާޅުވީ ހިންމަފުށި ތެރޭގައި އަދިވެސް ވަރަށް ބޮޑަށް ބަލި ފެތުރިފައިވާ ކަމަށެވެ. އެކަމަކު، މިވަގުތު ހާލު ދެރަ އެއްވެސް މީހަކު ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ހައި ރިސްކް ކެޓަގަރީ އަށް ފެތޭ މީހުންގެ ހާލަތު ސިއްހީ މަރުކަޒުން ވަރަށް ގާތުން މޮނިޓަ ކުރަމުން އަންނަ ކަމަށެވެ.

ހިންމަފުށީގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް އައިއިރު ގިނަ ގެތަކެއް ވަނީ ކަރަންޓީންކޮށްފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ކޮވިޑް-19 ބޮޑަށް ފެތުރެނީ މާލޭގެ އިތުރުން ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައެވެ. މިއީ ކޮވިޑްގެ އެކްޓިވް ވޭދަނަތައް އެންމެ ގިނަވެފައިވާ ރަށްތަކެވެ.

ރާއްޖެ އިން މިހާތަނަށް 37،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 87 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.