މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސަލާމާތް ނުވެވޭނެކަން ކަށަވަރުވެފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ހާމަކުރުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ދެކޮޅު ހައްދަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓްގައި ވަނީ މި ބޮޑު ހިޔާނާތުގައި ޝާމިލްވި ފަރާތްތަކުގެ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖްލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު، މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެން ނުވާކަމަށް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖްލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް. ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު، މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެނެއްނުވޭ. މިވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ." ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން މިހާރު ވަނީ އެ ލިސްޓު ދިރާސާ ކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

އެ ޖޮއިންޓް ކޮމިޓީގެ ނައިބު މުގައްރިރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު ދިރާސާ ކުރުމުގެ މަސައްކަތް ނިމެންދެން ކޮމިޓީން ދުރުވެފައެވެ. އެނގިފައިވާ ގޮތުގައި އެ ލިސްޓުގައި އާޒިމްގެ ނަން ވެސް އެބައޮތެވެ. އެކަމަކު އެ ފައިސާ ލިބުނު ކަމަށް އާޒިމް އިންކާރު ކުރައްވައެވެ.

މި މައްސަލަ ތަހުގީގު ކުރެއްވުމަށްފަހު މި ލިސްޓް އެކުލަވާލައިފައި ވަނީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންނެވެ. އެ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވާ ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އެކުލަވާލާފައި ވަނީ ލިބުނު ހެކިތަކަށް ރިއާޔަތްކުރުމަށްފަހު ވަރަށް އިންސާފްވެރި ކޮށެވެ. އަދި އެ ލިސްޓަކީ ވަކި ބަޔަކަށް އަމާޒުކޮށްގެން ތައްޔާރު ކުރި ލިސްޓެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުނނު

    ބަލަ ކަލޭމެންގެ ސަރުކާރު އެންމެން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާލިބިފަ .

    2
    14
  2. Anonymous

    މާހިނި އައިސްފަ ތިއިންނެވީ ކަލޭވެސް ތީ ޔާންބެގެ ވެރިކަމުގައި އެވީ ވަގުތު ކޮޅުން ގައުމު ދަވާލައި ކާލައިގެން އިން މީހެއް

    3
    13
  3. އައްލާ ގެ ހަސަނާ

    ލާއިންސާނީ ވާހަކަ ދެއްކު މުގެ ބަދަލުގައި މި ވަގުތު ބޮނޑި ބަތް ކެއްކުން އައުލާ

  4. ހަމްބުޅި

    މިރާއްޖޭގެ ވެރިކަމަށް އެއްމެ ކުފޫހަމަވަނީ ޖަމީލް 2023.

  5. ކިނބޫ

    މއްސަލަ ބެލިއްޔާތާ. ނުކެރޭނެ ބަލާކަށް. އިބްރާވެސް ބުންޏެއްނު ތިކަން ބަލައިފިއްޔާ ހުޅަނގުންނޭ އިރުއަރާނީ!
    އުންސުރޭވެސް 3 މިލިއަން ކާލައިގެން ވިއްޔަ އެހެރީ. ދެން ކިހިނެއް ބެލޭނީ ތިކަން!