އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) އަށް ފިޔަވަޅު އަޅައި، އެތަނުން ކިޔެވުމަށް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯންތަކަށް ލުއި ގޮތްތަކެއް ހަމަޖައްސަވާދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނިންމަވައިފިއެވެ..

ރައީސް ސާލިހް އެގޮތަށް ނިންމެވިކަން ހާމަަކުރެއްވީ އެމަނިކުފާނުގެ ތަރުޖަމާން މަބްރޫކް އަަޒީޒެވެ.

ފްލައިންގް ސްކޫލްގެ މައްސަލަތަކާ ގުޅިގެން ރައީސް ނިންމަވާފައިވާ ކަންކަން ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، އެ ސްކޫލާއި ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން އެތަނުގައި ކިޔަވަމުންދާ ދަރިވަރުންއިން ދަރިވަރުން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުންދާތީ، އެ ލޯނުތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތަކާއި ގުޅިގެން ދަރިވަރުން ޝަކުވާ ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި މިހާރު އެތަނަށް ދިމާވެފައިވާ ބޮޑެތި އެއްވެސް މައްސަލައަކަށް ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެލެނިވެރިޔާ

    "ފްލައިން ސްކޫލްގައި ހުރި މައްސަލަތަކާއި ގުޅިގެން ދަރިވަރުން ޝަކުވާ ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ." އަހަރެއް ނޫން ކޮއެފުޅާ..! އެތަނުގެ ކިޔެވުން ފެށުނީއްސުރެ. ކުރިން ފާޅުގަ ކުރަން ނުކެރުނީ އެތަނުން ދަރިވަރުންނަށް ދިން އިންޒާރުތަކާ ބިރު ދެއްކުން ތަކުގެ ސަބަބުން. އަހަރެމެން މީ އެކަމުގަ ގުރުބާންވި މީހުން. ދޮޅު އަހަރުން ނިމޭނެކަމަށް ބުނި ކޯސް ނިމުނީ 3 އަހަރާ ބަޔަށްވުރެ ގިނަ ދުވަހުން. ﷲ އިރާދަފުޅުން ކޯސް ނިމުނު ފަހުން މައްސަލަގަނޑު ހިލުނީ.