ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ ހަ ވަނަ ދުވަހު ހަމަލާ ދިން މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ ތިން މީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުޤީޤުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ވަގުތު' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، މި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިކަމުގައި ވަރަށް ގިނަ ކަންކަން ބަލަން ޖެހޭ ކަމަށެވެ.

"ދައުވާ ކުރާނެ މުއްދަތެއް ކަނޑައަޅާ ދަންނަވަން ސީދާ ދަތި. މިވެނި ދުވަހެއްގެ ތެރޭގައި، މިމަސް ނިމޭއިރު، އެގޮތަށް މަހެއް ކަނޑައަޅަން." ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، އެގޮތަށް ދަންނަވަން ދަތިވިނަމަވެސް، ޖިނާއީ މައްސަލައެއްގައި މީހަކު ހައްޔަރުގައި ހުރެއްގެ ކަމުގައިވާނަމަ، އެމީހެއްގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

"ހާއްސަކޮށް ޓެރެރިޒަމް ޤާނޫނުގެ ދަށުން ހައްޔަރު ކުރެވޭ މީހުންގެ މައްސަލަތަކުގަ އެޤާނޫނުގައި އެބަހުރި ވަކި މުއްދަތުތަކެއް ކަނޑައެޅިފަ. އަދި މުއްދަތު އިތުރު ކުރެވޭ ކަމަށްވާނަމަ އެކަންކަން ކުރަންޖެހޭ ގޮތްތަށް ވެސް ބަޔާން ކޮށްފައި އެބަހުރި" ރިޔާޒު ވިދާޅުވިއެވެ.

މިކަންކަމަށް ބަލާއިރު، ހައްޔަރުގައި ހުންނަ މީހަކަށް ދައުވާ ކުރުމާއި މެދު ގޮތް ނިންމުމުގައި މިކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް 3 މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ. މީގެ ތެރެއިން ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އަހްމަދު އަދްހަމްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަޑަ

    ދެން އަހަރެއްވަން ދެން މުއްދަތު ޖަހާފަ އެންމެފަހުން ދޫކޮށްލީމަ ޤާޒީ ކުއްވެރި ކުރޭ

    13
  2. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    ފާޅުވެގެންވާ ޢަލާމާތްތަކުގައި ފިސާރި ވަރުގަދައަށް ހިފުމަށާއި ވަންހަނާވެެންވާ ގޮތްތައް އަވަހަށް ދޫކޮށްލުމަށާއި، ލާއިންސާނީ އަނިޔާ ނުދިނުމަށާއި އިންސާނާއަށް މާތްކޮށް ހިތައި ކަމޭހިތުމަށް ބާރުއަޅައި ވާހަކަދެއްކޭނެއެވެ. މިއީ ވަޢުޟާއި ނަސޭޙަތެވެ.

  3. އަޗި

    ތީ ވާވަރު