ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ނިރުބަވެރި ހަމަލާގެ ޕްރައިމެރީ ސަސްޕެކްޓް، އަހުމަދު އަދުހަމް ރަޝީދު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަންގެ ތެރެއިން އޭނާ ކުޑަކަކޫ ޖައްސާ، ބޮލުގައި އަތްއަޅައިގެން ހުރި މަންޒަރު ފެންނަ ފޮޓޯއެއް މީސްމީޑިއާގައި އާއްމުވި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ، އަދުހަމް ހައްޔަރު ކުރި ވަގުތު ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނަކަން އެބޭފުޅުންނަށް ވެސް އެނގޭ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

އެއީ ފުލުހުން ނެގި ފޮޓޯއެއްތޯ ނުވަތަ އެހެން މީހަކު ނެގި ފޮޓޯއެއްތޯ ބަލާނެ ކަމަށާއި އަދުހަމް ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓުން ކަމަށްވުމުން އެހެން ބައެއް ފަރާތްތަކުން އެސަރަހައްދުގައި ތިބުމުން އެހެން ގޮތަކަށް ވެސް ފޮޓޯ ލީކު ވެދާނެ ކަމަށެވެ.

އެއީ ފުލުހުންގެ ފަރާތުން ލީކު ވެފައިވާ ފޮޓޯއެއް ނޫން ކަމަށް ވިދާޅުވެ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހް ވިދާޅުވީ، މި މައްސަލާގައި މީޑިއާތަކަށް ފޯރުކޮށްދެވޭ މައުލޫމާތު އިންސާފުވެރި ހަމަހަމަ އުސޫލަކުން ފޯރުކޮށްދިނުމުގެ ގޮތުން އެއްވެސް މީޑިއާއަކަށް ވަކިން މައުލޫމާތު ފޯރުކޮށްނުދޭނެ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދޭނީ ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި، ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ނުވަތަ ޕްރެސް ކޮންފަރެންސްގައި ކަމަށް ވެސް ސަބާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    މިހާރު ދެން ފޮޓޯނަގާނެ ވަރަށް ގިނަ މީހުން ތިބޭނެތާ ދޯ!

  2. ށައިނީ

    މިހާރު ތީކޮން ތަހުގީގެއް

    12
  3. ހަހަހާ

    ޕޮލިހުންނައް ވުރެން ނޫސްވެރުން ހުޝިޔާރު…