މިއަދު ރާއްޖެ އިން އިތުރު 1501 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއީ އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއިން މިހާ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ފައްސި ކަމަށް ދެއްކި ފުރަތަމަ ފަހަރެވެ. ކުރީ ދުވަސްތަކުގެ ނަތީޖާއާއެކު އަސްލު މިއަދު 1800 އަށްވުރެ ގިނަ ސުންކު ކޮވިޑަށް ފައްސިކަމަށް ދެއްކިއެވެ. އެހެން ނަމަވެސް ބާކީ ހުރި އަދަދުތައް މާދަމާ އަށް އިއުލާނު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، 1501 ވޭދަނަތަކަކީ މިއަދު އެންޓާ ކުރެވުނު އަދަދުތައް ކަމަށާއި، އަދި މިއީ ބެކްލޮގްގެ ތެރެއިން އެންޓާ ކުރި އަދަދުތަކާއި އެކީގައި ޖުމްލަ ފައްސިވި މީހުންގެ އަދަދުތައް ކަމަށެވެ.

އޭގެ ތެރޭގައި ތިނެއް މެއިގައި ނެގިފައިވާ އެއް ސުންކާއި، ފަހެއް މެއިގައި ނެގި ފަސް ސުންކަކާއި، ހައެއް މެއިގައި ނެގި 29 ސުންކަކަާއި، ހަތެއް މެއިގައި ނެގި 248 ސުންކަކާއި، އަށެއް މެއިގައި ނެގި 214 ސުންކެއްގެ އިތުރުން ނުވައެއް މެއިގައި ނެގި 242 ސުންކެއް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން ފައްސިިވި މީހުންގެ ތެރެއިން 1229 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި 265 ސުންކެއް ރަށްތަކުން ފައްސިވިއިރު، ރިސޯޓްތަކުން ފައްސިވެފައި ވަަނީ ހަތް މީހެކެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 38،520 އަށް އަރާފައެވެ. އަދި މިހާރު ފައްސިވެ ފަރުވާދެމުން ދަނީ 11626 މީހަކަށެވެ. މީގެ ތެރެއިން 8963 މީހުންނަކީ ދިވެހިންނެވެ. 2666 މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 290 ކުދިންނާއި 65 އަހަރުން މަތީގެ 49 މީހަކު ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު 87 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.