ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ހަރަދުވާނެ ކަމަށް ބެލެވެނީ 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ކަމަށާއި އެ މަޝްރޫއަށް ދެ އަހަރު ނަގާނެ ކަމަށް "ވަގުތަށް" ލިބިފައިވާ ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.

އުތުރުގެ އިގުތިސާދުގެ މައި ނާރެސް ކަމަށްވާ ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުން ހިންގުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑު އަށް މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ.

މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގެ އަތޮޅުތައް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ތަރައްގީ އާއި ކުރިއެރުމަށް ހުޅުވާލެވޭ ދޮރަކަށެވެ. މި ލައިން އޮފް ކްރެޑިޓަކީ ފަަސް އަހަރު ދުވަހުގެ މޮރަޓޯރިއަމްއަކަށް ފަހު 20 އަހަރު ދުވަހަށް ބަހާލައިގެން، 1.25 ޕަސެންޓު އިންޓްރެސްޓު ރޭޓުގަައި އަނބުރާ ދައްކާ ގޮތަށް ސްޓްރަކްޗާ ވެފައި އޮތް ފެސިލިޓީއެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮންނާނެ ގޮތުގެ 3ޑީ ކުރެހުމެއް

މި އެއާޕޯޓާ ގުޅޭ ކަރުދާހުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހު މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓްގެ މަސައްކަތް ފުރިހަމަކޮށް ހުށަހަޅައިފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން މިހާރު އަންނަނީ މި މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަރުހަލާގައި މިފަދަ މަޝްރޫއުތައް ފުރިހަމަކުރުމުގެ ތަޖުރިބާއާއި، ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވެއެވެ.

ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް މިހިނގާ މެއި މަހުގެ ފަހުކޮޅު ނިމޭނެކަމަށް ލަފާކުރެވެއެވެ. އެއަށް ފަހު ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއުގެ ޓެންޑަރު މަރުހަލާ ފަށާނެއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓް ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮންނާނެ ގޮތުގެ 3ޑީ ކުރެހުމެއް

ޑިޒައިން ވަރަށް ތަފާތު، ޓާމިނަލް ވަރަށް ރީތި!

ކަރުދާހުގައިވާ ގޮތުން މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ވަރަށް ތަފާތު ވެފައި ފުރިހަމައެވެ. މި ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މަށްޗައް، ހާއްސަކޮށް މަޑި ސިފަވާނެހެންނެވެ.

މިއީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހެޔޮ އެތައް ބަދަލެއް ފެނިގެންދާނެ މަޝްރޫއެކެވެ. އަދި ސަރަހައްދުގެ ވިޔަފާރި އާއި އިންވެސްޓްމަންޓްތައް ގިނަވެ އިގްތިސާދު ވަރުގަދަ ވެގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ޕްރޮޕޯޒް ކުރެވިފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދުނިޔޭގެ ފެންވަރުގެ އެއާޕޯޓަކަށް ހެދުމާއި، އެއޮރޯޑްރޯމް އަކަށް ބޭނުންވާ އެންމެހާ ފެސިލިޓީތައް ހިމެނޭހެން 'ސްޓޭޓް އޮފް ދަ އާޓް' އިންފްރާސްޓްރަކްޗާ ގާއިމްކުރުމެވެ.

މީގެއިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އުމްރާނީ އަދި އޮޕަރޭޝަނަލް ބޮޑެތި ބަދަލުތަކެއް ގެނެވި އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރެވޭނެއެވެ. މި އަޕްގްރޭޑްތަކުގެ ސަބަބުން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) ގެ މިންގަނޑުތައް ދެމެހެއްޓި ރާއްޖެ އަށް އަންނާނެ "ޓްރެފިކް" ދަތިކަމެއް ނެތި ބަލައިގަނެވޭނެއެވެ.

މަޝްރޫއުގެ "މާސްޓާ ޕްލޭން" ދެ ބައިތައް ހިމެނެއެވެ:

 1. އެއާސައިޑް އިންފްރާސްޓްރަކްޗާ
 2. ލޭންޑްސައިޑް/ސިޓީސައިޑް އިންފްރާސްޓްރަކްޗާ

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާނެ ގޮތުގެ ތަފްސީލްތައް:

 • ޕަސެންޖާ ޓާމިނަލް ބިލްޑިން، ސީ ޓާމިނަލް އަދި އެންސިލަރީ ބިލްޑިންތައް.
 • އެއާޕޯޓުގެ ރަންވޭ 1350 މީޓަރުން 2460 މީޓަރަށް ފުޅާ ކުރެވޭނެ.
 • އޮޕަރޭޝަނަށް އެކަށީގެންވާ ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ފުރިހަމަ ކުރެވޭނެ.
 • ިދިގުމިނުގައި 164 މީޓަރު، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ 'ޝޯލްޑާ' ހުންނަ ދެ ޓެކްސީވޭ.

މަޝްރޫއުގެ ދަށުން ޕްރޮޕޯޒް ކުރެވިފައިވާ މޮޑިއުލާ ޑިޒައިންގެ ދެ ލެވެލްގެ ޕެސެންޖާ ޓާމިނަލް އިމާރާތުގައި ޕީކް ގަޑިތަކުގެ ޕެސެންޖާ ކެޕޭސިޓީއަށް ބޭނުންވާ އެންމެހާ ޒަމާނީ ވަސީލަތްތަކާއި ފެސިލިޓީތަކެއް ހިމެނޭނެއެވެ. ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން، މި އިމާރާތުގެ ބޮޑުމިނުގައި 10،230 އަކަމީޓަރު ހިމެނޭނެއެވެ.

ހަނިމާދޫ އެއާޕޯޓުގައި ގާއިމު ކުރާ ބައެއް ވަސީލަތްތައް.

އަދި އިމާރާތް ފަރުމާކުރެވޭނީ ދިވެހި ސަގާފަތާއި ފަރުމާތަކާއި، ޒަމާނީ ފަރުމާތައް ލާމެހިގެންދާހެންނެވެ. ޕެސެންޖާ ޓާމިނަލް ވެގެންދާނީ ކޯޑް އެއާކްރާފްޓް ތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާހެންނެވެ. މަޝްރޫއުގެ ދަށުން ޕްރޮޕޯޒް ކުރެވިފައިވާ މަލްޓި-ލެވެލް ޖެޓީ ޓާމިނަލް އިމާރާތުން ސީޕްލޭން ޕާކިން ޖެޓީ އަދި ފެރީ އެންކޮރާޖް އަށް ދެވޭނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ގާއިމް ކުރެވޭ އެހެނިހެން ފެސިލިޓީތަކުގެ ތެރޭގައި ބްލާސްޓް ޕެޑް، އެއާސައިޑް ޕެރިފަރީ ރޯޑް، ބޭސިކް ސްޓްރިޕް އެންޑް ގްރޭޑިން އޭރިއާ، އައިސޮލޭޝަން ބޭ، ސެކިއުރިޓީ ފެންސިން، އޮޗް ޓަވަރު، ނެވިގޭޝަނަލް އެއިޑްތަކާއި، ކާގޯ ބިލްޑިން، ފިއުލް ފާމް، ފިއުލް ޖެޓީ، ހެންގާ ބްލޮކް، އޭޓީސީ ޓަވަރު، ޑީސެލިނޭޝަން ޕްލާންޓް، ސިވެޖް ޓްރީޓްމެންޓް ޕްލާންޓްތަކާއި، އެންސިލަރީ ބިލްޑިން، ކްރޭޝް ގޭޓްތަކާއި، ޖެޓީތައް ހިމެނެއެވެ. މި މަޝްރޫއުގެ ފުރަތަމަ ފޭސްގެ ދަށުން ބިން ހިއްކުމަށް ހަމަޖެހިފައެއް ނުވެއެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އޭއޭއައި ގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓު ވަނީ ރާއްޖެ އަދި އިންޑިއާގެ ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީތަކުން ފާސްކޮށް އެޕްރޫވްކޮށްފައެވެ. މަޝްރޫއުގެ ޓެންޑަރު ކަރުދާސްތައް ފައިނަލައިޒް ކުރެވެމުންދަނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކްގެ މެދުގައި ބޭއްވޭ ކޮންސަލްޓޭޝަން ތަކުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގަލަން ތުނޑު

  ހުސް ފޮނި.. ނުވާނެ ތިއިން އެއްކަމެއްވެސް

 2. ރައްޔިތުން

  ރީތި އެއާރޕޯޓެއް،

 3. ޑައެލޯގް

  ތިޔަތަން ތިގޮތަށް ހެދިއަސް ނުހިގާނެއެވެ. އެއްވެސް ތަނެއްގައި އާބާދީއެއްނެތި ނުހިގާނެތީއެވެ. ހަމައެކަނި ތިސަރަހައްދަށްދާ ގެސްޓުންއައިސްދާގޮތަށް ފްލައިޓްތައް އަންނާނީ، އޭރަށް ސީޕްލޭންގގެ ޑިމާންޑް ދިޔައީއެވެ. ސީޕްލޭންތަކުގައި ދިވެހި ވަރަށްގިނަ ޕައިލެޓުން ވަޒީފާގައިތިބޭނެއެވެ. ކިހިނެއް މާލެއިން ލަންކާއަށްދާގޮތަށް ފްލައިޓް އޮޕަރޭޓް ކުރާނީ ސަޕްލައި އާ އެއްވަރަށް ޑިމާންޑް ނޯންނާނެއެވެ. ތީގަ އިންޑިއާގެ ކޮންމެވެސް މަކަރުވެރި ބޭނުމެއް އޮންނާނެއެވެ. ރީދޫކުދިން އަބަދުވެސް ކުރާނީ މިކަހަލަކަންކަމެވެ. ހުޅުމާލޭފޭސް 2 ނުހިއްކާ ގުޅީފަޅުހިއްކައިގެން އަވަހަށް ލިބޭނެމަންފާއެއްނޯންނާނެއެވެ. އެކަމު މައުމޫނު ހިއްކާފައޮތީތީ ގުޅީފަޅުހިއްކީއެވެ. އަދިވެސް އެއުޅެނީ އޭގެމަންފާނުލިބިއެވެ. ވަގުތުނަގާނެއެވެ. ވީމާ އިސްކަންތަކަށް އިސްކަންދިނުން ފައިދާބޮޑުވާނެއެވެ. ހަނިމާދޫ ހެދުމަކީ އުފަލެކެވެ. ރަގަޅުވެއްޖެއްޔާ ރަގަޅެވެ. ބަލަންތިބެމާއެވެ.

  • އިބްރާހީމް

   އެއަރޕޯޓް ހިގާނެ. އެފަދަ ތަންތަން ހަދަނީ ދިރިއުޅޭ އާަބާދީ އަށްވުރެން ފަތުރުވެރިންނަށް އަމާޒުކޮށްގެން.

 4. ނާހިދު

  ހޮޅިވާހަކަ ނުދައްކާ، ފާޑުފާޑު އަންރިއަލިސްޓިކް ކުރެހުންތައް ދައްކަދައްކާފަ އުޅޭކަމެއްނެތް. ހަނިމާދޫ ފަޅަކީ އެހާ މަޑު ތަނެއްނޫން. މާ ފާޑުފާޑަށް ސީޕްލޭން ޖައްސާނުހެދޭނެ. ދެން އަނެއްކާ ތިޔޮއްކުރެހުމެއް، ސީޕްލޭން ޖެޓީއާއި ލޯންޗްޖެޓީ ތިހާކައިރީގަ ނުހެދޭނެ. އަނެއްކާ އަނެއްކަމަކީ މިހާރުވެސް ފުލް އޮޕަރޭޝަންގަ އޮތް އެއާޕޯޓެއް ހަނިމާދޫ އެއާޕޯޓަކީ. ރަންވޭއަކީ ބޮޑެތިބޯޓްތައް ޖެއްސޭފެންވަރަށް ހަދާފައޮތް ރަންވޭއެއް. ހަމައެކަނި ބައެއްފެސިލިޓީތަކާއި ރަނގަޅު ފެންވަރެއްގެ ޓާރމިނަލް ހަނިމާދޫ އެއާޕޯޓަށް ބޭނުން ވަނީ. ދެންތިކަމަށް 85 މިލިއަންޑޮލަރު ހަރަދުވާނޭ ބުނީމަ ގަބޫލުކުރަންދަތި. ތި 85 މިލިއަންޑޮލަރު ދީފަ ޗައިނާމީހުން ކައިރީބުނެބަލަ ޔަގީން އިންޓަނޭޝަނަލްފެންވަރުގެ 2 އެއާރޕޯޓްވެސް އަޅާނެ.

 5. ޒާ

  ދިޒައިން ކިތަންމެ ރިއްޗަސް ހަދާނިމޭއިރު ހުންނާނީ އިންޑިއާމީހުން ހެދި އައިގީއެމްއެޗް ބާއިމާރާތް އެހެރަގޮތަށް ކަސްކޮށް.