ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނާ ގޮތުން ހުސެއިން ވަހީދަށް ދެ ލައްކަ ރުފިޔާ ލިބިފައި ވަނީ ޕޮލިސް ހެޑްކުއާޓާ ކައިރިންނެވެ. އެ ފައިސާގެ އިތުރުން އެތަނުގެ ކައިރިން ޗެކަކުން ވެސް ފައިސާ ހަވާލު ކުރި ކަމަށާއި އެއީ "10،000 ނޫނީ 50،000" ހާސްގެ ޗެކެއް ކަމަށްވެއެވެ.

ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބް 2014 ވަނަ އަހަރު ރޯދަ މަހާ ދިމާކޮށް 20،000 އެމެރިކާ ޑޮލަރު އަދި 2015 ވަނަ އަހަރުގެ ރޯދަމަހާ ދިމާކޮށް 20 ހާސް އެމެރިކަ ޑޮލަރު ހަސަން ހަބީބް ދިރިއުޅޭ ގެއަށް ގޮސް ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ފުލުހުންގެ ތެރެއިން މުހައްމަދު ދާއޫދު އަށް 2014 ވަނަ އަހަރު އެސްކިއު އޮފީސް ކައިރިން ކަރުދާސް ކޮތަޅަކަށް ލައިގެން ފަސް ލައްކަ ރުފިޔާ ގެންގޮސް ދީފައިވާނެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

މީގެއިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު ސްޕޮންސަރަކަށް އެދުމުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މެދުވެރިކޮށް ރެއިންބޯއިން ފަރުނީޗަރު ހޯދައިދިން ކަމަށް އޭގައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިންނާއި އާންމުން ވެސް ލިސްޓުގައި ހިމެނެއެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމެޓީއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު ހިއްސާކޮށްފައެވެ.