ގއ. ދާންދޫން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ރަށަށް އަރައި ފޭބުން މިއަދު މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދާންދޫ މޮނިޓަރިން ހާލަތަށް ގެނައީ ހުން އައިސްގެން ހެލްތު ސެންޓަރަށް ދެއްކި ދެ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ކަމަށެވެ. މި ދެ މީހުންގެ ސާމްޕަލް ނަގައި ރޭގެ ވަގުތެއްގައި ނަތީޖާ ލިބުނު އިރު، ދެ މީހުން ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއެކު، ރާއްޖޭގައި މޮނިޓަރިން ހާލަތުގައި އޮތް ރަށްތަކުގެ އަދަދު ވަނީ 43 އަށް އަރައިފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް މާލޭގައި އާދަޔާ ހިލާފު ހަލުވިމިނެއްގައި ކޮވިޑް-19 ވަނީ އިތުރުވެފައެވެ.

ރާއްޖެ އިން މިހާތަނަށް 38،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 87 މީހުން ވަނީ ނިޔާވެފައެވެ. މި ބަލީގައި މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 11،000 އަށް ވުރެ މައްޗަށް އަރައެވެ. އޭގެތެރެއިން 247 މީހުން ތިބީ އެޑްމިޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    އިންތިޚާބީ ރައީސް ކަރަންޓީންގެ މުއްދަތު ހަމަވެގެން ނެގި ސާމްޕަލް އިން ވަނީ އޭނަ ބަޔަށް ޕޮޒިޓް ވެފަ. އޭގެ ފަހުން އޭނާ ކަރަންޓީންގައި ކޮށްފަ ހުރި ގޭގައި ހުންނަ ފިހާރަޔަކަށް ދިޔަ ބަޔަކު ތި ޕޮޒިޓީވް ވީ، މައުލޫމާތު ލިބޭގޮތުން ވީމާ އިތުރު ބަޔަކު ޕޮޒިޓް ވުމަކީ އެކަށީގެންވާ ކަމެއް. އެންމެންވެސް އެޗްޕީއޭ އިން އަންގާ ގޮތަށް ކަންކުރުން މުހިންމު.

    1
    1