އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ތަހުގީގު ކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން ފެއިލްވެފައިވާ ކަމަށާއި ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި ހިމެނޭ ގިނަ ބަޔަކާއި ސުވާލު ވެސް ކޮށްފައި ނެތް ކަން ވެސް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މި ލިސްޓު ރައްޔިތުންގެ މަޖިލީހާ ޚިއްސާކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހުގައެވެ. އިއްޔެ މަޖިލީހުގެ އިދާރާއިން ވަނީ ލިސްޓު އާންމުކޮށްފައިވެއެވެ. އޭގައި 281 ނަމެއް އޮތެވެ. އޭގެ ތެރެއިން 119 މީހަކީ ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި މީހުނެވެ. މި މީހުންގެ ތެރޭގައި އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވެސް ހިމެނެއެވެ. އިންތިޚާބީ މަގާމުތައް ނޫނީ ދެން ތިބި މަގާމުތަކުގެ މީހުން ވަކިކުރަން މަޖިލީހުން ހުށަހަޅާފައިވެއެވެ.

މިކަމާ ގުޅިގެން ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ލިސްޓެއް އެކުލަވާލައި އާންމު ކުރަން ވާނީ ކުޑަމިނުން ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލު ކުރުމަށް ފަހު ކަމަށެވެ. ބޮޑެތި ބާރުތަކާއި އެކު އެސެޓް ރެކަވަރީ ކޮމިޝަން އުފެއްދިތާ ދެ އަހަރުވީ އިރު ވެސް މިވަރު ކުރެވިފައި ނެތުމަކީ އެ ކޮމިޝަން ފެއިލް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި ލިސްޓުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދަވަމުންނެވެ. ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަމުގެދަރި

    ފެއިލްވީ އެކަންޏެއް ނޫން. ޖިނާއީ ދައުވާއެއް ތިޔަ މީހުންގެ މައްޗަށް އުފުލަންޖެހޭނެ. ޒިންމާދާރުކަމެއް ނެތި ތަހްގީގު ކުރުމެއް ނެތި އެތައް ބަޔެއްގެ އަބުރަށް އަރައިގަތުމަކީ ސީރިއަސް މައްސަލައެއް. ތިޔަ ލިސްޓު ހާމަކުރި އެންމެންގެ މައްޗަށް ދައުވާކުރަންޖެހޭނެ. ހިންގާފައި ތިއޮތީ ބޮޑު ޖަރީމާއެއް. ބަލަންވާވަރަށް ނުބަލައި ހޮވައިގެން ސިޔާސީ ބޭނުމަށް ވަކި ބައެއްގެ ނަން އުނިކޮށްފައި ވަކިބައެއްގެ ނަން އިތުރުކޮށްފައި ލިސްޓެއް ނެރުމަކީ މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކޮށްފައި އޮތް ޒިންމާދާރުކަން ކުޑަ އަމަލެއް. މިއީވެސް ބަލަންޖެހޭނެ އަދި މިކަން ކުރި އެންމެން އިސްތިއުފާ ދޭންޖެހޭނެ ކަމެއް.

  2. ޭލާރިބަނޑު

    ޢިބޫ އައްނި އަބްދުުﷲ ޝާހިދުގެ ނަމެއް ނެތީ ކީއްވެގެންބާ.

  3. ފަގީރު ކޮއި

    ތިޔަ އައްސަދަކީ ކާކު؟ބޮޑެތި ކޮ ރަޕްޝަން ތަކުގެ ތުހުމަތު އޮތް މީހެއް، މިމީހުންނަށް ކިހިނެއް ވަގުން ހިފޭނީ.