އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލައި އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ލިސްޓުގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ ނަން އޮތް ކަން އެނގިއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭގެ ފަހުން ރޭގެ ވަގުތެއްގައި ވެސް ވަނީ އެ ލިސްޓު ކަމަށް ބުނެ ލިސްޓެއް މީސް މީޑިއާގައި އާންމު ކޮށްލައިފައެވެ. އެކަމަކު ލީކްވެގެން އުޅެނީ ސައްހަ ލިސްޓެއް ނޫން ކަމަށް ކޮމިޝަންގެ ލިސްޓު ފެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މިއަދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް "ވަގުތަށް" އެނގިފައިވާ ގޮތުގައި، ކޮމިޝަންގެ ލިސްޓުގައި ޒިޔަތުގެ ނަން އެބައޮތެވެ.

ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މުގުލުގައި ހުންނެވި އަހުމަދު އަދީބު އެސްޓް ރިކަވަރީ ކޮމިޝަނަށް ދެއްވި ބަޔާނުގައިވާ ގޮތުން ޒިޔަތަށް ވަނީ ހިޔާނާތުގެ ފައިސާ ދީފައެވެ. އެކަމަކު، ޒިޔަތަށް ދިން އަދަދެއް އޭގައި ހިމަނާފައި ނުވެއެވެ.

ޒިޔަތު އޮޑިޓަ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރުއެވެ.

މި ހިޔާނާތުގައި ޒިޔަތުގެ ކޮއްކޮ، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އެކަމަކު، ޒިޔަތުގެ މައްސަލައިގެ ތަހުގީގު ހުއްޓާ ނުލައި ކުރިއަށް އެބަދެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ތަހުގީގީ އިދާރާތަކުން ކުރިން އެކުލަވާލި ލިސްޓުގައި ހިމެނުނީ 267 ނަމެކެވެ. އެކަމަކު، ފަހުން ފޮނުވި ލިސްޓުގައި 281 މީހުން ހިމެނެއެވެ.

މަޖިލީހުން އާއްމުކުރަން ނިންމާފައިވާ 281 މީހުންގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މިހާރާއި އޭރުގެ މެމްބަރުންނާއި ދައުލަތުގެ އިސް މަގާމްތަކުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނެއެވެ. އަދި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުގައި ކުރިން އުޅުއްވި އިސް ބޭފުޅުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އޮޑިޓް ރިޕޯޓުތަކުގައިވެސް ކަރަޕްޝަނުގެ ކިސަޑު! ތިހުރީ އެމީހުންގެ އިޚްލާޞްތެރިކަން ހުރި މިންވަރު

  2. ކުޑަހަސަނު

    ތީ ހުސްދޮގު، އެމަނިކުފާނަކީ އެކަހަލަ ބޭފުޅެއްނޫން.