މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވައިގެން ކާމިޔާބު ކުރެއްވި އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރުގެ ނަން އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނިއްޖެއެވެ.

އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރުގެ ނަން ލިސްޓުގައި އޮތްއިރު، އެއީ ޚިޔާނާތް ހިންގިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރެއްވި އަލީ ނިޒާރުގެ ނަން ލިސްޓުގައި އޮތީ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ތިބި މީހުންގެ ނަންތަކުގެ ތެރޭގައެވެ.

މިކަމާ ގުޅޭ ގޮތުން ނިޒާރު ވިދާޅުވެފައިވަނީ މަޖިލީހުން މި ލިސްޓެއް އާންމުކުރީ ބަޔެއްގެ އަބުރު ކަތި ލުމަށެވެ. އަދި ވަގެއް ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. ދައުލަތް ފެއިލް ވެފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. އަދި ޚިޔާނާތުގައި ބައިވެރިވި ކަމަށް އިންކާރު ކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކަށް ލިބިފައިވާއިރު، މަޖިލީހުގެ ކުރީގެ 44 މެންބަރަކަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ޕީޕީއެމްގެ މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި، އެމްއާރުއެމްގެ މެންބަރުންނާއި، އެމްޑީއޭގެ މެންބަރުން އަދި އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    ހުސް އެއްކަހަލަ މީހުން...

  2. ގޫފާލިއެއް

    އިސްތިއުފާދޭން އުޅޭ

  3. ޢައްޑޫ

    ނިޒާރު އަށް ތިގޮތަށް ތިދިމާވީ ފާޅުގައި އެމް.ޑީ.ޕީގެ ސިޔާސަތު ތަކަށް ފާޑު ކިޔާތީވެ.
    ނުކުރާ ކަމަކަށް ހާސްވާކަށް ނުޖެހޭ... އެމީހުންގެ ތާޢީދު ގެއްލުން ނޫން ކަމެއްނުވާނެ

  4. ާއެމީހާ

    ނިޒާރު ވިއްކީކޮން ފަޅެއް ގިރިއެޢް؟ ވަގަށް ނަގައިގެން ކުޜި ސަދަގާތުން ނިޒާރަށް ފައީސާކޮޅެޢް ލިބުނީ ނޫންބާ.!