ށ. ކަނޑިތީމުން ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އާމިނަތު އަހުމަދު "ވަގުތު" އަށް ވިދާޅުވީ، މިހާތަނަށް އެރަށުން ފައްސިވެފައިވަނީ ހަތަރު ބޭފުޅުން ކަމަށާއި އޭގެ ތެރެއިން އެކަކީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ނެގި ސުންކު އިން ފައްސިވެފައިވާ މީހެއް ކަމަށެވެ. އަދި އަނެއް ތިން މީހުންނަކީ ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 3 މީހުން ކަމަށް އާމިނަތު ވިދާޅުވިއެވެ.

މި ވޭދަނަތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި އެރަށަށް އަރަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

އާމިނަތު ވިދާޅުވީ، އެމީހުންނާއި ގާތުން ބައްދަލުވި މީހުންގެ މައުލޫމާތު ހޯދަމުން އަންނައިރު، މިހާތަނަށް 33 ގެއެއް މޮނިޓަރިންގް އަށް ލާފައިވާ ކަމަށާއި އެމީހުންނާއި ގާތުން އެއްތާވި 45 ވަރަކަށް މީހުން ހޯދިފައިވާ ކަމަށެވެ. މިއަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސީދާ ޑައިރެކްޓް ކޮންޓެކްޓްވި ބޭފުޅުންގެ ސާމްޕަލް ނެގުމުގެ ކަންކަން މިރޭ އަޅުގަނޑުމެން މަރުކަޒުން ކުރިއަށް ގެންދާނެ" އާމިނަތު ވިދާޅުވިއެވެ.

ކަނޑިތީމުން ހަތަރު މީހަކު ކޮވިޑަށް ފައްސިވި ނަމަވެސް، ކައުންސިލާއި ސިއްހީ މަރުކަޒުން އަންގާ އެންގުންތަކަށް ހުރިހާ ބޭފުޅުން ބޯލަނބައި ފަރުދީ ޒިންމާ އަދާ ކުރަމުން އަންނަކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، މާލެ ފިޔަވައި އަތޮޅުތަކުން މި ބަލީގެ ވޭދަނަތަށް އަންނަނީ ގިނަވަމުންނެވެ. މިހާތަނަށް އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 44 ރަށެއް ވަނީ ކޮވިޑްގެ ވޭދަނަތަށް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން މިހާތަނަށް 38،520 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 1،501 މީހަކު ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. މިބަލި ޖެހުނު މީހުންގެ ތެރެއިން 26،795 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 11،629 މީހަކަށް ފަރުވާ ދެމުން އަންނައިރު، 247 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މި ބަލި ޖެހިގެން ރާއްޖެއިން 87 މީހަކު ވަނީ ނިޔާވެފައެވެ.