މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ގދ.ތިނަދޫއާއި ފ.ނިލަންދޫ ގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު އެންގުމެއްގައި ވަނީ މި ދެ ރަށުގައި މާދަމާއިން ފެށިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އިއުލާނުކޮށްފައެވެ.

ކޮވިޑާއި ގުޅިގެން އެ ދެ ރަށުގައި އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ހަތް ގަޑިއިރަށް ކާފިއު ހިންގުން ހިމެނެއެވެ. އެގޮތުން ކާފިއު ހިންގަން ނިންމާފައި ވަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށެވެ. މިވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ.

މީގެ އިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގާފައިވާއިރު، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް އަންގާފައި ވެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމާއި،ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރަން އަންގާފައި ވެއެވެ.

އަދި ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލަން އަންގާފައިވާއިރު، ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އަންގާފައި ވެއެވެ.

އަދި ފިހާރަތަކުން ޚިދުމަތް ދޭއިރު، ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގާފައި ވެއެވެ.

މީގެ އިތުރުން، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް
ހުއްޓައިލަން އަންގާފައިވާއިރު، މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ދެވޭނެ ކަމަށް އެ އެންގުމުގައި ވެއެވެ.

މިހާތަނަށް ތިނަދޫން 68 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ނިލަންދޫ 46 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެތެރޭ މީހާ

    ތި ދެރަށަށްވުރެން ފައްސިވި އަދަދު މިރަށުގައި މާމަތީގައި އުޅެނީ، އެކަމު ހަރުކަށި ފިޔަވަޅެއް އަދި ނާޅާ!