ކޮވިޑް-19 އާ ގުޅިގެން އައްޑު އާއި ފުވަމުލައްކު ސިޓީގައި ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އައްޑޫއާއި ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ މި ދެރަށުގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީއެވެ. އެގޮތުން މިއަދު އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން މި ދެރަށުގައި ހަވީރު 18:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން މި ދެރަށުގައި ކާފިއު ހިންގާފައިވަނީ ރޭގަނޑު 21:00 އިން ފަތިހު 4:00 އަށެވެ. މި ވަގުތުތަކުގައި އެއްގަމު އުޅަންދު ފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެއެވެ.

މީގެ އިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގާފައިވާއިރު، އައްޑޫސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ފުވައްމުލަކުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން ހުއްޓައިލުމަށް އަންގައި އެއް ގެއިން އަނެއް ގެއަށް ދިއުން ވެސް ވަނީ މަނާ ކޮށްފައެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރަން އަންގާފައި ވެއެވެ.

އަދި ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލަން އަންގާފައިވާއިރު، ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އަންގާފައި ވެއެވެ.

އަދި ފިހާރަތަކުން ޚިދުމަތް ދޭއިރު، ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގާފައި ވެއެވެ.

މީގެ އިތުރުން، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަން އަންގާފައިވާއިރު، މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ދެވޭނެ ކަމަށް އެ އެންގުމުގައި ވެއެވެ.

އެޗްޕީއޭއިން ބުނީ، މި ފިޔަވަޅުތަކުން އިސްތިސްނާވާނީ، ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުމ، އެމްބިއުލާންސް، ދެރަށުގެ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތަކާއި ކުއްލި ހާލަތުގައި ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް ކަމަށެވެ.