މޫސުން ވަރަށް ގޯސްވެ، ފުވައްމުލަކާއި އައްޑޫ ސިޓީ އަަށް އޮރެންޖް އިންޒާރު ނެރެފިިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން އޮރެންޖް އިންޒާރު މި ސަރަހައްދަށް ނެރެފައި ވަނީ، މި ސަރަހައްދަށް ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށެވެ. މީގެ އިތުރުން މި ސަރަހައްދުގެ ރަށްތަކުގައި ފެންބޮޑުވެ، ވިލާގަނޑުގައި 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ގެތަކަށް ދަނީ ގެއްލުންތައް ވަމުންނެވެ. ހާއްސަކޮށް އެންމެ ދެކުނުގެ ރަށްތަކުގެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ބުނަމުންނެވެ.

އޮރެންޖު އިންޒާރަކީ "ސިވިއާ" ނުވަތަ ތިން ވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރެވެހި ފެން ބޮޑުވުމާއި، އާދަޔާހިލަފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގަ އެވެ.