ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލާގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނު އެއްބަސްވުމާއި ހިލާފުވެފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އޭނާގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް ދައުލަތުން އެދިއްޖެއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، އަޑުބަރޭގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށް ދައުލަތުން އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ)ގެ ދަށުން ކަމަށެވެ.

އެ ގާނޫނު ބުނާ ގޮތުން ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަން ތިން އަދަބެއް ދެވޭނެއެވެ.

އެއީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން، ދެ އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުން އަދި 15،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އޮފިޝަލް ވިދާޅުވީ، އަޑުބަރޭގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމުގެ އިތުރުން އަލީ ވަހީދުގެ މައްސަލައިގައި އަޑުއެހުމެއް ތާވަލު ކޮށްދިނުމަށް ވެސް ކްރިމިނަލް ކޯޓަށް އެދިފައިވާ ކަމަށެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް އަލީ ވަހީދު ފުރުން މަނާކޮށްފައި އޮތް އަމުރު ކުރިމިނަލް ކޯޓުން ބާތިލްކުރިއިރު، އަޑުބަރޭ ވަނީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނަމަވެސް ހައިކޯޓަށް ހުށައެޅި މައްސަލާގައި އެ ކޯޓުން ކަނޑައެޅި ދުވަހަށް އަލީ ވަހީދު ހާޒިރުކުރެވިފައެއް ނުވެއެވެ.